ކުރިއަށް އޮތް ރޯދަ މަހަށް ޚާއްސަކޮށް އެސްޓީއޯއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރި ރޯދަ މާޓް ހުޅުވައިފިއެވެ.
މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރޯދަ މާޓް ހުޅުވައި ދެއްވީ އެސްޓީއޯގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދު އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ.
މި ރޯދަ މާޓް ހުޅުވާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓްގެ ނުވަވަނަ ފްލެޓްގައެވެ. މި ފިހާރައިގެ ބޭނުމަކީ އެސްޓީއޯގެ މުދާ ހެޔޮ އަގުގައި ހުޅުމާލެ އާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށް އެސްޓީއޯއިން ބުންޏެވެ.
މި މާޓަކީ ހޯލްސޭލް އަދި ރީޓެއިލް ޚިދުމަތް ވެސް ލިބޭ ފިހާރައަކެވެ. އެގޮތުން މި ފިހާރައިން، އެސްޓީއޯއިން އާންމުކޮށް އެތެރެކުރާ ބާވަތްތަކުގެ މުދަލުގެ އިތުރުން އެސްޓީއޯއިން ރެކް ކުއްޔަށް ނަގައިގެން ވިޔަފާރިކުރާ ފަރާތްތަކުން ވިއްކާ މުދާވެސް ލިބޭނެއެވެ.
މީގެ އިތުރުން ރޯދަމަހަށް ޚާއްސަކޮށް އެތެރެކުރާ ފިޔާ، އަލުވި، އަދި ބިސް ފަދަ ތަކެތި ވެސް މި ފިހާރައިން ލިބޭނެއެވެ. އެސްޓީއޯއިން މިހާރު ވަނީ އެ ބާވަތްތައް ހޯލްސޭލްކޮށް ވިއްކާ އަގު ހެޔޮކޮށްފިއެވެ.
އަގަށް ގެނައި ހެޔޮ ބަދަލާއެކު ކުރިން 250 ރުފިޔާއަށް ވިއްކަމުން އައި އަލުވި ބަސްތާއެއް އިއްޔެއިން ފަށައިގެން ވިއްކަނީ 240 ރުފިޔާއަށެވެ. ކުރިން 170 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ބަސްތާއެއްގެ އަގު 160 ރުފިޔާއަށް ހެޔޮކޮށްފައި ވާއިރު، ބިސް ކޭހެއްގެ އަގުވަނީ 290 ރުފިޔާއިން 280 ރުފިޔާއަށް ހެޔޮކޮށްފައެވެ.