އިސްލާމްދީނާމެދު ނަފުރަތު އުފެދެނީ ދީން ރަނގަޅަށް ނޭނގޭތީ: ޝާހިދު

(އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ 49ވަނަ ބައްދަލުވުމުގައި ޝާހިދު --

އިސްލާމްދީނާމެދު ނަފުރަތު އުފެދެނީ މި ދީނުގެ އަސާސްތަކާއި އުސޫލުތައް ރަނގަޅަށް ނޭނގޭތީކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެެވެ.

އޯގަނައިޒޭޝަން ފޯ އިސްލާމިކް ކަންޓްރީސް (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ 49ވަނަ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ މި ބައްދަލުވުން ކުރިއަށްދަނީ މުސްލިމު އުންމަތަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައިކަމަށެވެ.

އެގޮތުން އިސްލާމޮފޯބިއާއިން ފެށިގެން ގޮސް މުސްލިމުންގެ ހައްގުތައް ހަނިކުރުންފަދަ އެތައް ކަމެއް ހިނގަމުން އަންނަކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން ކޮވިޑުން އަރައިގަނެ އާ ހާލަތަކަށް ރުޖޫއަވަމުން އައުމާއި މޫސުމީ ބަދަލުތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ މުސްލިމުންނަށް ކުރިމަތިވަމުން އަންނަ ދަތިތައް ވެސް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން ޝާހިދު ވިދާޅުވީ މިއީ އެންމެން އެކުގައި މަސައްކަތްކުރުމުގެ ރޫހު އާލާވެ ގޮންޖެހުންތަކުން އަރައިގަތުމަށް ބަދަހިކަމާއެކު ތިބިކަން ހާމަވާ ކަމެއްކަމަށެވެ.

"އަޅުގަނޑުމެންގެ އެއްބައިވަންތަކަމާއި، އެއް އަޑަކުން ވަކާލާތުކުރާ ކުރުމުން އެކި ދަތިތަކާއި ނުރައްކާ ތަހައްމަލުކުރަމުން އަންނަ ގިނަ ބަޔަކަށް އުންމީދު ގެނެސްދޭ. އިސްލާމްދީނުން ދޭ އަސްލު މެސެޖު ވަރަށް ސާފު. މި ދީން ގޮވައިލަނީ ސުލްހައާއި ހަމަޖެހުމާއި އެކުވެރިކަމަށް. ނަފްރަތާއި ބިރުވެރިކަމާއި ހައްގުތަކަށް އަރައިގަތުން މި ދީން މަނާކުރޭ،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިސްލާމްދީނުގެ ހަގީގީ އަސާސްތައް ފެތުރޭނީ އެއްބައިވަންތަ ވެގެންކަމަށެވެ. އަދި ވިސްނުންތެރިކަމާއި ހަރުދަނާކަމާއެކު ކުރާ މަސައްކަތުގެ ތެރެއިން ހައްދުފަހަނަ އެޅި ފިކުރުތައް ފޮހެލުމަށް ކުރާ މަސައްކަތަކީ އެހެން މީހުންނާ އޮތް ތަފާތު ހާމަކޮށްދޭނެ ކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނަފުރަތު އުފެދޭ ވާހަކަތަކާއި އިސްލާމޮފޯބިއާ ފެތުރެނީ އިސްލާމްދީނުގެ އަސްލުތައް ރަނގަޅަށް ދެނެނުގަނެވޭތީކަމަށެވެ. އަދި މިއީ ބައިނަލްއަގްވާމީ ފެންވަރުގައި އިސްލާމޮފޯބިއާއާ ދެކޮޅަށް މަސައްކަތްކުރުމުގެ ދުވަހެއް ފާހަގަރަންޖެހޭ ސަބަބުކަމަށާއި އިސްލާމްދީނާމެދު ހަގީގާތް ނޭނގޭ މީހުންނަށް ކަމުގެ ހަގީގަތް ކިޔައިދީ ހޭލުންތެރިކުރަންޖެހޭކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދުވަނީ ދުނިޔޭގައި މޫސުމަށް އަންނަ ބަދަލުތައް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނަކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމީ ރިވެތި އަޚުލާގުން މި ކަމަށް ހައްލު ލިބޭކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަގީދާ ދަސްކޮށްދޭ އިންސާނާ ދިރިއުޅޭ ވެއްޓަށް ހެޔޮކޮށް ހިތަން. މި އަގީދާ ދަސްކޮށްދެނީ އިސްރާފު ކުޑަކުރަން، ފެނާއި ގުދުރަތީ ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުންކުރަން. ދެމެހެއްޓެނިވި ކަންކަން ކުރުމަށް. މި ފިލާވަޅުތައް ލިބިގަންނަންޖެހޭ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންގެ އަޑު އޯއައިސީގެ ތެރެއިން އިވެންވާނެކަމަށާއި އެ މީހުންގެ ފަސްގަނޑުގެ ހިމާޔަތުގައި ކުރާ މަސައްކަތް ފެންނަންވާނެކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"އޯއައިސީ ވާންވާނީ ހުރިހާ އެންމެންނަށް ވެސް ފުރުސަތު ލިބޭ ތަނަކަށް. އޯއައިސީ ވާން ބޭނުންވަނީ އަންހެނުންނާއި ޒުވާނުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބަސް އިސްލާމީ ދުނިޔޭގެ ކަންކަމުގައި ހިމެނުމަށް ބާރު އަޅައި ޖަމިއްޔާއަކަށް،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކުގައި ގުޅިގެން ކުރާ މަސައްކަތުން ކާމިޔާބު ހާސިލްކުރެވޭނެކަމަށެވެ. އަދި މާ ފަހި ދުނިޔެއެއް ބިނާކުރެވޭނެކަމަށެވެ.

comment ކޮމެންޓް