ޔާރާ: ގިނަ ފަންނާނުންތަކެއް އެކުގައި ފެންނާނެ އުފެއްދުމެއް

ރިޝްމީ ރަމީޒަކީ ފިލްމީ އިންޑަސްޓްރީގެ އެންމެ ކުޅަދާނަ އެއް ފަންނާނެވެ. އެކްޓިންގެ ދާއިރާއިން ލިބިފައިވާ ކާމިޔާބީގެ އިތުރުން އޭނާ ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކަކީ ވެސް އެތައް އެވޯޑްތަކެއް ހާސިލްކޮށްފައިވާ ފިލްމުތަކެވެ. ރިޝްމީގެ ޕްރޮޑަކްޝަން ހައުސް އާރުޓޫޒީން ޕްރޮޑިއުސްކޮށް މި ފަހަރު ބެލުންތެރިންނަށް ގެނެސްދެނީ ތަފާތު ވެބު ސީރީޒެކެވެ.

ދިވެހި ޑްރާމާ ސީރީޒް "ޔާރާ"އަކީ ފިލްމީ ދާއިރާގައި ވެސް އެންމެ ގިނަ ފަންނާނުން އެކުގައި ފެނިގެންދާނެ އެއް ސީރީޒެވެ.

މި ސީރީޒް ލިޔުނީ އޭނާގެ ސްކްރިޕްޓް ލިޔުމުގެ ޖާދުލުގައި އެތައް ބަޔަކު ޖައްސަފައިވާ އަހުމަދު އިގްބާލެވެ. ބައިސްކޯފުން ދައްކަ މި ސީރީޒްގައި ފެންނާނެ ތަރިންގެ ތެރޭގައި މިހާރު ފިލްމީ ދުނިޔޭގައި ފިޔަ ޖަހަމުން ދާ ތަރިންނާއި އަލަށް ތައާރަފްވެފައިވާ ތަރިން ހިމެނެއެވެ.

އެގޮތުން، ރިޝްމީ ރަމީޒާއި، މަރިޔަމް އައްޒަ، އަހުމަދު އަޒްމީލް، އަލީ ސީޒަން، ލަމްލާ ލަތީފް، އައިމިނަތް ރިޝްފާ، ނުޒުހަތު ޝުއައިބު، އިސްމާއީލް ޖުމައިހް، ޝަރާ އާދަމް، އާޝާ އަލީ، ޝަހާ އަދުނާން، އައިމިނަތު ސިލްނާ އަދި ހުސައިން ޝަދިޔާން ހިމެނެއެވެ.

މި ސީރީޒްއަ ގުޅޭގޮތުން "ސަން"އާ ވާހަކަ ދައްކަމުން އިގްބާލް ބުނީ، މި ސީރީޒް ބިނާވެފައި އޮންނަނީ އެކި ކަހަލަ ގުޅުންތަކުގެ މައްޗަށެވެ. އެގޮތުން ހެއްވާ މަޖާ ކަންކަމެއް ވެސް ދައްކުވައިދޭއިރު، ލޯބިވެރިންނާއި ރަހުމަތްތެރިން އަދި އާއިލީ ގުޅުންތަކާ އެ ގުޅުންތައް ދެމެހެއްޓުން މި ސީރީޒްގައި ދައްކުވައިދެއެވެ.

"އެކި ރިލޭޝަންޝިޕްސްގަ ދިމާވާ ކަންކަން މި ދައްކުވައިދެނީ،" އިގްބާލް ބުންނެވެ.

މި ސީރީޒްގެ ޕްރޮޑިއުސާ އަދި ޑައިރެކްޓާ، ރިޝްމީ ރަމީޒް ބުނީ، މި ސީރީޒަކީ ލޯބީގެ އެންޓަޓައިންމެންޓް ސީރީޒެއް ކަމަށެވެ.

"ހަމަ އެންޓަޓައިންމެންޓް، މުނިފޫހި ފިލުވާދޭ މަޖާ ކަންކަން އެކުލެވޭ ލޯމީގެ ސީރީޒްއެއް މިއީ. ދެން ވަރަށް ގިނަ ފަންނާނުންނޭ ބުނީމަ އަސްލު ހަމަ ވަރަށް ގިނަ ފަންނާނުން މި ސީރީޒްއިން ފެނިގެން ދާނެ،" ރިޝްމީ ބުންޏެވެ.

މި ސީރީޒްގައި ހިމެނެނީ ހަތަރު ސީޒަންއެވެ. ސީރީޒް މި މަހު ދައްކަން ފަށާއިރު، ސީދާ ތާރީޚެއް އިއުލާނު ކުރަން އަރުޓޫޒީ ޕްރޮޑްކްޝަންސް އިން ދަނީ ތައްޔާރު ވަމުންނެވެ.

comment ކޮމެންޓް