ށ. ގޮއިދޫގައި ހައްދާ ކަރާއަށް ކޮންމެ ރޯދަ މަހަކު ވެސް ބޮޑު ޑިމާންޑެއް އޮވެއެވެ. އެއާއެކު ހީވެފައި އޮންނަނީ އެ ރަށަކީ ހަމަ އެކަނި ކޮންމެ ރޯދަމަހަކަށް ކަރާ ހައްދާ ރަށެއް ކަމަށެވެ. އެއްވެސް ގޮތަކަށް އެ ރަށަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށެއްކަމެއް ގިނަ ބަޔަކަށް ނޭނގެއެވެ.
ރައްޓެއްސެއްގެ ދައުވަތަކަށް ގޮއިދޫއަށް ދިއުމުގެ ފުރުސަތު މި ފަހުން ލިބުނެވެ. އަލަށް ދިޔަ ރަށެއް ކަމުން އެ ރަށުގައި ހައްދާ ދަނޑުތައް ބަލާލުމުގެ ޝައުގުވެރިކަން ވަރަށް ބޮޑުވިއެވެ.
އާރުޓީއެލް ފެރީގައި އެ ރަށަށް ދިއުމަށް މެންދުރު ފަހު ށ. ފުނަދުއިން ފުރިއިރު ފެރީގެ ރޫޓް އޮތްގޮތުން އެރަށާ ހަމައަށް ފޯރީ އިރު އޮއްސެން ކުޑަތަން ވެފައިވަނިކޮށެވެ.
އެހެންކަމުން ދަނޑުތައް ބަލައިލުމުގެ ފުރުސަތެއް އެ ދުވަހަކު ނުލިބުނެވެ. އެހެންވެ، ޖެހިގެން އައި ދުވަހު ހެނދުނު ސަޔަށް ފަހު ކައުންސިލްގެ ދެ މެމްބަރުންނާއެކު ދަނޑުތައް އޮންނަ ސަރަހައްދަށް ދިޔައީމެވެ. ފެނުނީ ސަރާސަރު ބޮޑު ސަރަހައްދެއް ވަރަށް ތަރުތީބުކޮށް، ގޮޅިތައް ވަކިކޮށް ބަހާލައިފައިވާ ފެހިކުލަ ގަދަ ދަނޑުތަކެވެ.
ސަރަހައްދު ބޮޑުކަމުން އެ ސަރަހައްދު ބަލަން ޖެހުނީ ސައިކަލުގައެވެ. ދުއްވާފައި ދިޔައިރު ދަނޑުތަކުގައި ފެން ދިނުމާއި ހައްދާފައިވާ ބާވަތްތަކަށް ހޭހަން ކުރުމުގައި ދަނޑުވެރިން ވަރަށް ފަރުވާތެރިކަމާއެކު އުޅޭތަން ފެނެއެވެ. ކޮންމެ ދަނޑުވެރިއަކު ވެސް މަރުހަބާ ކީ ހިނިތުންވުމަކުންނެވެ.
ވަގުތުން ފޯނު ނަގައި، ދަނޑުތަކުގެ ހިތްގައިމު ފޮޓޯތަކާއި ވީޑިއޯތައް ނަގަން ފެށީމެވެ. އަދި ކައިރީގައި ތިބި އެ ރަށު ކައުންސިލް ދެ މެމްބަރުންނާ ގިނަ ދުވާލުތަކެއް ކުރީމެވެ. ފެނުނު މަންޒަރު ހީކުރިގޮތާ ޚލާފުވުމުންނެވެ. ދަނޑުތަކަށް ބަލައިލުމުން މިއީ ހަމައެކަނި ރަމަޟާން މަހަށް ދަނޑުވެރިކަން ކުރާ ރަށެއް ނޫންކަން ކަށަވަރުވިއެވެ.
އެންމެ އުފާވީ ދަނޑުތަކުގައި ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުން ހަރަކާތްތެރިވާތަން ފެނުމުންނެވެ. މި ރަށުގެ ކޮންމެ ދެމަފިރިއަކަށް އަސާސީ ދަނޑުގެ ނަމުގައި ކައުންސިލުން 3،000 އަކަ ފޫޓްގެ ދަނޑެއް ދީފައިވާއިރު، މިއިން އެންމެ ދަނޑެއްގައި ވެސް ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރިވެ ނޫޅޭކަމީ ހިތަށް އުފާވެރިކަން ގެނުވި ކަމެކެވެ.
ދަނޑުވެރިންގެ އިންޓަވިއު ކައުންސިލް ބޭފުޅުން ހަމަޖައްސައިދިނެވެ. ނަމަވެސް މެންދުރު ހޫނު ގަދަވުމާއެކު ދަނޑުބަލައި، ފޮޓޯ ނެގުން މެދުކަނޑާލުމަށްފަހު، އިންޓަވިއު ނެގުން ކުރިއަށް ގެންދިޔައީ ހަވީރެވެ.
ހޫނު ގަދަ ވަގުތުގައި ވެސް ގޮއިދޫގެ ދަނޑުވެރިން ދަނޑުތަކާ ދުރަށް ނުދެއެވެ. ފުރަތަމަ ވާހަކަ ދައްކާލި ދަނޑުވެރިޔާގެ ވާހަކަތަކުން ވެސް ފާހަގަވީ ގޮއިދޫގެ ދަނޑުވެރިން ރޯދައަށް ދުރާލާ ތައްޔާރުވެފައިވާ ކަމެވެ.
"އަޅުގަނޑުމެން ރޯދަޔަށް ކަރާ ހައްދާއިރު ރަޖަބު މަހުގެ ފުރަތަމަ ދުވަހު މި އިންދަނީ [އޮށް] އޭރުން ރޯދަމަހު ފުރަތަމަ ދުވަހަށް ދޮންވާވަރަށް ކަރާލިބޭ. މިވަރުގެ ދަނޑަކުން ދޮޅު ޓަނު އުފެއްދޭނެ މޫސުމީ މައްސަލައެއް ކުރިމަތިނުވާނަމަ،" ދަނޑުވެރިޔަކު ބުންޏެވެ.
ގޮއިދޫގެ ދަނޑުވެރިން ކޮންމެ އަހަރަކުވެސް މިހާ ފުރިހަމައަށް ދުރާލާ ރޯދައަށް ތައްޔާރުވަމުން އައި ނަމަވެސް ކޮންމެ އަހަރަކު ވެސް މާކެޓް ނުލިބުމުގެ މައްސަލަ ކުރިމަތިވާކަން ދަނޑުވެރިން ފާހަގަކުރިއެވެ. އަދި އަތްފޯރާ ފަށުން ބޭހާއި ކާނާ ލިބެން ނުހުރުމުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ވެސް ދަނޑުވެރިން ފާހަގަކުރިއެވެ.
"އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަނޑުތައް ހެއްދުމަށް ބޭނުންވާ ކާނާ އާއި ބޭސް ރަށުން ގަންނަން ލިބެން ނުހުރުން. އަދި ކިތަންމެ ބައިވަރެއް ކޮލެޓީކޮށް އުފެއްދި ކަމުގައި ވީނަމަވެސް އެތަކެއްޗަށް ބާޒާރެއް ނުލިބޭ. އަދި ސަރުކާރުން ޓެކްސް ކަޑާލިނަމަވެސް އަގު ހެޔޮކޮށް ބޭސް އަޅުގަނޑުމެންނަށް ގަންނާކަށް ނުލިބެ. ދެން ގިނަ ފަހަރަށް މި ޖެހެނީ މިހާ ބުރަ މަސައްކަތުން އުފައްދާ ތަކެތި ނުއަގުގައި ވިއްކާލާން"، ކަންބޮޑުވުން ހިއްސާކުރަމުން ދަނޑުވެރިއަކު ބުންޏެވެ.
ގޮއިދޫގެ ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އެ ރަށު ކައުންސިލުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އެރަށު ކައުންސިލްގެ ރައީސްއާ ވާހަކަ ދަށްކާލުމުން އެނގިގެން ދިޔައެވެ.
ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު ވިދާޅުވީ ދަނޑުވެރިންނަށް ރަމަޟާން މަހަށް ދަނޑުހެއްދުމަށް ޓަކައި ބޭނުންވާ ކާނާ ކައުންސިލް މެދުވެރިކޮށް ރަށަށް ގެނެސްދޭ ކަމަށެވެ. ނަމަވެސް އާންމުކޮށް އެތަކެތި ގަންނަން ނުލިބުމަކީ ކައުންސިލުން ވެސް ކަންބޮޑުވާ ކަމެކެވެ.
އެހެންކަމުން، ދެމެހެއްޓެނެވި ގޮތެއްގައި މިކަން ކުރާނަމަ ރަނގަޅު ޕްލޭނެއް އޮންނަން ޖެހޭކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ ކައުންސިލްގެ މި ދައުރުގެ ފަސް އަހަރުގެ ޕްލޭންގައި ރަށުން ދަނޑުވެރިކަމަށް ބޭނުންވާ ހުރިހާ ތަކެތި ގަންނަން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ހިމަނާފައިވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ނިމުމުގެ ކުރިން ރަށުން ތަކެތި ގަނެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އުންމީދު ކުރާކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
އާބާދީގައި 777 މީހުން ދިރިއުޅޭ ގޮއިދޫގައި ކޮންމެ ދެމަފިރިއަކަށް އަސާސީ ދަނޑުގެ ނަމުގައި ހިލޭ ދަނޑެއް ދީފައިވާއިރު، ކުލީ ދަނޑުގެ ގޮތުގައި 10،000 އަކަފޫޓްގެ ދަނޑުތައް ނެގުމުގެ ފުރުސަތު ވެސް އެރަށުގެ ރައްޔިތުންނަށް ވަނީ ހުޅުވާލައިފައެވެ. އެހެންކަމުން ގޮއިދޫ އަކީ ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކޮށް، ކުރިމަގުގައި އެ ދާއިރާއިން ނަފާ ހޯދޭނެ ފަހި މަގެއް އޮތް ރަށެކެވެ.