މުޒާހަރާގެ ތެރެއިން ނޫސްވެރިޔަކު ހައްޔަރު ކުރުން ކުށްވެރިކޮށްފި

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ސިލްސިލާ އެއްވުންތަކުގެ ތެރެއިން ރޭ، މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާއިން 'އަވަސް' ނޫހުގެ ނޫސްވެރިޔަކު ހައްޔަރު ކުރަނީ--- ފޮޓޯ/ އެމްޖޭއޭ

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ސިލްސިލާ އެއްވުންތަކުގެ ތެރެއިން ރޭ، މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާއިން 'އަވަސް' ނޫހުގެ ނޫސްވެރިޔަކު ހައްޔަރު ކުރުމުން، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން އެކަން ކުށްވެރި ކޮށްފިއެވެ.

އެ މުޒާހަރާ ކަވަރު ކުރަން ހުރި ނޫސްވެރިޔާ ހައްޔަރު ކުރި އިރު އޭނާ ހުރީ ނޫސްވެރިއެއްކަން އަންގައިދޭ ކާޑުވެސް އަޅައިގެންނެވެ. އެ ނޫސްވެރިޔާ މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލައިފައެވެ.

އޭނާ ހައްޔަރު ކުރި ސަބަބު ފުލުހުން އަދި ހާމަކޮށްފައިނުވާއިރު އެކަމުގެ ކަންބޮޑުވުންފާޅުކޮށް، އެމްޖޭއޭއިން ބުނީ، މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް، ފުލުހުން ފުރައްސާރަކޮށް، އަނިޔާ ކުރުމަކީ އެ އެސޯސިއޭޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

މީޑިއާތަކާއި ނޫސްވެރިންގެ ހައްގުތައް ނިގުޅައިގަނެގެން ހުށަހެޅޭ މައްސަލަތައް މިއަހަރު އިތުރުވަމުން އަންނަކަން ފާހަގަކޮށް އެމްޖޭއޭ އިން ބުނީ މިހާތަނަށް އެފަދަ އަށް މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެއްވުންތަކާއި މުޒާހަރަތައް ކަވަރުކުރާ ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެ އެސޯސިއޭޝަނުން ވަނީ ސަރުކާރަށާ ފުލުހުންނަށް ގޮވާލާފައެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން އެ ހުކުމާ ދެކޮޅަށް އަޑުއުފުލަން ޕީޕީއެމުން ގެންދަނީ ސިލްސިލާ ގޮތެއްގައި މާލޭގެ މަގުތަކަށް އެއްވަމުންނެވެ. އެ އެއްވުންތަކުން ކޮންމެ ދުވަހަކު ވެސް އެތައް މީހުންނެއް ހައްޔަރު ކުރެއެވެ.

comment ކޮމެންޓް