ރިޔާސީ އިންތިޚާބަށް ޔާމީންގެ ކެންޑިޑެސީ ބަލައިގަތުމުގެ ފުރުސަތު ބޮޑު: ފުއާދު

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު "ސަން" އަށް ހާއްސަ ބަސްދީގަތުމެއް ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިދިކޮޅު ރިޔާސީ ކެނޑީޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކެންޑިޑެސީ ހުށަހަޅައިފިނަމަ އެ ބަލައިގަތުމުގެ ފުރުސަތު ބޮޑުކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑީޑޭޓް ޔާމީން މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާއިރު އެ މަނިކުފާނަށް ވާދަކުރެވިދާނެކަމާމެދު ސުވާލު އަންނަނީ އުފައްދަމުންނެވެ.

އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު އެ މަނިކުފާނަށް އޮތް ކަމަށެވެ. އަދި އެ ބަލައިގަތުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިސްތިއުނާފް މަރުހަލާގައި މައްސަލަވާ ނަމަ ފުރުސަތު އޮތުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. ކެންޑިޑެސީ ބަލައިގަތުމުގައި އެ ވަގުތާއި ހާލަތަށް ރިއާޔަތްކޮށް ގާނޫނީ ލަފާ ހޯދާނެކަމަށް ފުއާދު ވިދާޅުވިއެވެ.

"އިސްތިއުނާފްގެ މަރުހަލާގައި އޮތްކަމަށް ވަންޏާ ހަމަ ފުރުސަތެއް އޮތުމަކީ އެކަށީގެންވާ ކަމެއް. ދެން މި ކަމުގައި އަޅުގަނޑުމެން ގާނޫނީ ލަފާ ހޯދައިފައި އަަޅުގަނޑުމެންނަށް އެ ވަގުތުގެ ހާލަތުގައި ކަންތައްތަކުގައި ހުރި ގޮތެއް ބަލައިފައި ކޮމިޝަނުން ގޮތެއް ނިންމާނީ،"

އެ ނިންމުމަކާ މެދު ހިތްހަމަ ނުޖެހޭނަމަ ކޯޓު މަރުހަލާއަށް މައްސަލަ ގެންދިއުމުގެ ފުރުސަތު ވެސް އޭރުން އޮންނާނެކަމަށް ފުއާދު ވިދާޅުވިއެވެ.

ޔާމީންގެ ކެންޑިޑެސީ ބަލައިގަތުމުގެ ފުރުސަތު އޮތް ސަބަބެއްގެ ގޮތުގައި އޭނާ ނެންގެވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރަކަށް ވެސް އިސްތިއުނާފްގެ މައްސަލަ ދިގު ދެމިގެން ގޮސްފައިވަނިކޮށް އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު ކޯޓުން ދީފައި އޮތުމެވެ.

ރިޔާސީ އިންތިޚާބަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އޮގަސްޓު ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

ރައީސް ޔާމީންގެ މައްސަލަ މިހާރު އޮތީ ހައިކޯޓަށް އިސްތިއުނާފްކުރަން އަލުން ހުށަހަޅައިފައެވެ.

އާރަށް މައްސަލައިގައި ޔާމީން ޖަލަށް ލާން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25ގައެވެ. އެ މައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ފުރަތަމަ ހުށަހެޅީ ހުކުމަށް ދޮޅު މަހަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ މަހުގެ 12ގައެވެ.

ނަމަވެސް އިސްތިއުނާފުކުރަން ހުށަހެޅި ލިޔެކިޔުންތަކުގައި އިސްލާހު ކުރަން ޖެހޭ ކަންކަން ހުރުމުން، އެ ބަދަލުތައް ގެނައުމަށް ފަހު މައްސަލަ އަލުން ހުށަހަޅަން ހައި ކޯޓުން އެންގީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިދިޔަ ބުދަ ދުވަހު ވަނީ އިސްލާހުކޮށް އަލުން ހައި ކޯޓަށް ހުށަހަޅައިފައެވެ.

comment ކޮމެންޓް