ރާއްޖޭގައި އުޅޭ ޗައިނާ ފަތުރުވެރިންނާއި ރައްޔިތުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ރާއްޖޭގެ އިދާރާތަކާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ގުޅިގެން ކުރެވޭނެ ކަންތައްތައް ދެނެގަތުމަށް ބޭއްވި ހަތަރުވަނަ މަޝްވަރާ ބައްދަލުވުން ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ޗައިނާ އެމްބެސެޑަރު ވަންގް ލިޒިންއާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ރަޝީދު ބައިވެރިވެޑައިގެންނެވިއެވެ.
ހަމައެއާއެކު ރާއްޖޭގެ އެކި އިދާރާތައްކަމަށްވާ, މޯލްޑިވްސް ކަސްޓަމްސްއާއި ފުލުހުންނާއި، އިމިގްރޭޝަނުން ވެސް ބައިވެރިވިއެވެ. އަދި ޗައިނާގެ އެކި ކުންފުނިތަކާއި ޓުއާ އެޖެންސީތަކުގެ ފަރާތުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވިއެވެ.

ޗައިނާ ރައްޔިތުންގެ ރައްކާތެރިކަން ރާއްޖޭގައި ޔަގީންކުރުމާ ގުޅޭ މަޝްވަރާގައި ބައިވެރިވި މެމްބަރުން --- ސަން ފޮޓޯ
ތިން ބަޔަކަށް ބަހައިލައިގެން ކުރިއަށްދިޔަ މި ބައްދަލުވުމުގައި ޗައިނާ ރައްޔިތުންނަށް ރާއްޖޭގައި ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަކީ ކޮބައިތޯވަނީ މަޝްވަރާކޮށްފައެވެ. އަދި ޗައިނާގެ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ރާއްޖޭގެ އިދާރާތަކަށް ހުރި ދަތިތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.
އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މުއާމަލާތުކުރުމުގައި ހުރި ދަތިތަކެވެ. އެގޮތުން ފަތުރުވެރިންގެ ކަންކަން ބެލެހެއްޓުމުގައި ސީދާގޮތުން މަސައްކަތްކުރާ މުވައްޒަފުންނަށް ޗައިނާ ބަސް ނޭނގުމާއި، ޗައިނާއިން ރާއްޖެ އަންނަ ބައެއް ފަތުރުވެރިންނަށް އިނިގިރޭސި ބަހުން މުއާމަލާތުކުރުމުގައި ދަތިތައް ހުރިކަމަށް ފާހަގަކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި އެކި އިދާރާތަކުންވަނީ އެ އިދާރާތަކަށް ފާހަގަވެފައި ހުރި މައްސަލަތައް ހިއްސާކޮށްފައެވެ.
މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ޚަލީލް ދެއްކެވި ވާހަކަފުޅުގައިވަނީ ދެ ގައުމު ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރެވިދާނެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ޗައިނާ ފަތުރުވެރިން އަލުން އަންނަން ފަށައިފައިވާއިރު ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރުމަށް އަވަހަށް ފިޔަވަޅު އެޅުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާ އެމްބެސެޑަރު ވަންގް ލިޒިން -- ސަން ފޮޓޯ
މި މަޝްވަރާ ބައްދަލުވުމާ ގުޅޭ ގޮތުން "ސަން"އާ ވާހަކަދައްކަވަމުން ޗައިނާ އެމްބެސެޑަރު ވަންގް ލިޒިން ވިދާޅުވީ މަޝްވަރާތަކާއެކު އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތްކަމަށެވެ. އަދި މަޝްވަރާ ބައްދަލުވުމަކީ ދެ ގައުމުގެ ފަތުރުވެރިކަން ކުރިއަރުވައި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަަވަރުކުރަން މުހިންމު ވާހަކަތަކެއް ދެކެވުނު ބައްދަލުވުމެއްކަމަށް ވިދާޅުވިއެވެ.
"ގިނަ އިދާރާތަކުން ބޭނުންވަނީ ޗައިނާ ބަސް ދަސްކޮށްދޭނެ ޓްރެއިނިންތަކެއް ހިންގަން. އަޅުގަނޑަށް ވިސްނެނީ އެއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ޗައިނާ ފަތުރުވެރިންނަށް ރަނގަޅު ޚިދުމަތެއް ލިބޭނެ މަގު ހަމަޖެއްސުމަކީ. ޗައިނާ އެމްބަސީގެ ފަރާތުން ޗައިނާ ބަސް ދަސްކުރުމުގެ ކްލާސްތައް ހިންގުމުގެ އެއްބާރުލުން ލިބޭނެ. އަޅުގަނޑު އުންމީދުކުރަން ރާއްޖޭގެ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން މި ޓްރެއިނިން ހިންގުމަށް އެއްބާރުލުން ދޭނެކަމަށް،" ލިޒިން ވިދާޅުވިއެވެ.
އެއާއެކު އޭނާވަނީ ދެ ގައުމުގެ އިދާރާތަކުން ގުޅިގެން ކުރާ މަސައްކަތުން ދެ ގައުމުގެ ފަތުރުވެރިކަމަށް ރަނގަޅު ކުރިއެރުމެއް ލިބޭނެކަމަށް ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ގުޅުން ބަދަހިވާނެކަމަށް ވިދާޅުވެފައެވެ.