މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ސިފައިންގެ އަހަރީ ދުވަހުގެ މުނާއްސަބަތުގައި ބޭއްވި ޖަލްސާގެ ތެރެއިން އޭރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް--- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެމްއެމްޕީއާރުސީގެ މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓާ މޭޖާ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލައެއް ފޮނުވައިފިއެވެ.

އޭސީސީއިން މިއަދު ބުނީ ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިކޮށް މޫސާ ޢަލީ ޖަލީލަށް ލިބިފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށެވެ. އަދި އެއީ އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތުގައި ހުރެ މޫސާ ޢަލީ ޖަލީލް ހޯދާފައިވާ ފައިސާކަމާއި، އެފައިސާ މޫސާ ޢަލީ ޖަލީލްގެ އަމިއްލަ ބޭންކް އެކައުންޓަށް ޖަމާކޮށް އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަން ތަޙުޤީގަށް ވަނީ ހޯދިފައި ކަމަށް އޭސީސީއިން ބުންޏެވެ.

މި މައްސަލައިގައި މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ކޮށްދިނުމަށެވެ.

އަދި މިމައްސަލައިގައި ދަޢުލަތަށް ލިބެންޖެހޭ އެއް މިލިއަން ދިވެހި ރުފިޔާ އަނބުރާ ހޯދުމަށް އެމްއެމްޕީއާރުސީއަށް ވަނީ އޭސީސީއިން އަންގާފައެވެ.

މޫސާ އަލީ ޖަލީލަކީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދެވަނަ ޑިފެންސް މިނިސްޓަރެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަމަށް މޫސާ އަލީ ޖަލީލް ގެންނެވީ، އެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ ގެކޮޅުން ފިސްތޯލައެއް ފެނުނު މައްސަލައެއްގައި އޭނާ އެމަގާމުން ވަކި ކުރައްވައި، ހައްޔަރު ކުރުމުންނެވެ.

މޫސާ އަލީ ޖަލީލްގެ މައްޗަށް ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ވެސް ކޮށްފައެވެ. ފަހުން ކޯޓުން ވަނީ އެ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިފައެވެ.

އެހެން ނަމަވެސް ރައީސް ޔާމީން ދަތުރުކުރެއްވި ލޯންޗުކޮޅު "ފިނިފެންމާ"ގައި 2015 ވަނަ އަހަރު އެއްޗެއް ގޮވި ހާދިސާއަށް ފަހު، ރައީސް ޔާމީން ވަނީ މޫސާ އަލީ ޖަލީލް ޑިފެންސް މިނިސްޓަރުކަމުން ވަކިކުރައްވައިފައެވެ.

މޫސާ އަލީ ޖަލީލަކީ 3 ނޮވެމްބަރުގެ 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތް ކުރުމަށް މުހިންމު ދައުރެއް އަދާކުރެއްވި ބަތަލެކެވެ.

comment ކޮމެންޓް