ބާޣީން އެހާ ވަރުގަދައަށް ތައްޔާރުވެގެން އައި ކަމެއް ފެއިލްވީ ކީއްވެ؟

މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލު ނަސްރުގެ ދުވަހާ ގުޅިގެން އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަނީ-- ސަން ފޮޓޯ

"ތަމަޅަ މީހުން އެހާ ވަރަށް ރާވައި، ވަރުގަދައަށް ތައްޔާރުވެގެން އައި ކަމެއް ކީއްވެހޭ ފެއިލްވީ؟"

"އެއްފަހަރާ ތިން ދިމާލުން ބަރު ހަތިޔާރާއެކު ހަމަލާ ދިން. އެވަރުން ވެސް ސިފައިންގެ ފޫ އަޅުވާލާ ސިފައިން ހިސާރުކުރެވޭނެ ގޮތެއް ނުވި،" ނޮވެމްބަރު ތިނެއް, 1988ގެ އުދުވާނީ ހަމަލާގެ ވާހަކަތައް ހިއްސާކުރައްވަމުން ފަޚުރުވެރިކަމާއެކު މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލު ވިދާޅުވިއެވެ.

ނަސްރުގެ ދުވަހާ ގުޅިގެން އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގައި ބޭއްވި ޚާއްޞަ ޖަލްސާގައި އެ ބިރުވެރި ދުވަހުގެ ކަންކަން އެންމެ ގާތުން ތަޖުރިބާކުރި ޖަލީލް ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ބިރުވެރިކަމާއި ނާމާންކަމުން ސަލާމަތްވީ ދިވެހި އަސްކަރިއްޔާ އެކަމަށް ތައްޔާރުވެ އޮތުމުން ކަމަށެވެ.

"ސިފައިން ތިބީ ދިފާއުގައި އެކަށީގެންވާ ވަރަށް ތަމްރީނުކުރެވިފަ ތައްޔާރަށް. ހިނގާފާނެ ކޮންމެ ކަމަކަށް ވެސް ތައްޔާރަށް!" ޖަލީލް ވިދާޅުވިއެވެ.

"ތަމަޅަ މީހުން ކިތަންމެ މޮޅު ޕްލޭނެއް ހަދާފަ އޮތަސް "އަންފޯސީން ސާކަމްސްޓޭންސަސް" އަށް ތައްޔާރުނުވާ ނަމަ އެ ވޯކެއް ނުކުރާނެ،"

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ޓެރަރިސްޓް ހަމަލާގައި ޝަހީދުވި ސިފައިން

އެ ދުވަހު ސިފައިންގޭގެ އެތެރޭގެ ހާލަތު

އެ ދުވަހުގެ ހެނދުނު ކުއްލިއަކަށް އިވިގެން ދިޔައީ ބާޣީންގެ ބަޑީގެ އަޑެވެ. ފުރަތަމަ ބަޑީގެ އަޑު އިވުމާއެކު ސިފައިންގޭގެ އެތެރޭގަ ހުންނެވި ޝަހީދު ހުސެއިން އާދަމް ވިދާޅުވީ އެ އިވުނު އަޑަކީ ތިމަންނަމެންގެ ތެރެއިން ކުއްޖަކު ބަޑިއަކާ ކުޅެނިކޮށް ޖެހި ވަޒަނެއްގެ އަޑު ކަމަށެވެ. ދެވަނަ ބަޑިއެއް ގޮވި އަޑާއެކު ޝަހީދު ހުސެއިން އާދަމް ވިދާޅުވީ "ހަނގުރާމަ ފަށަންވީ ވަގުތު ޖެހިއްޖެއޭ" އެވެ.

ސްރީލަންކާގެ ޕީޕަލް ލިބަރޭޝަން އޮފް ޓެމިލް އިލާމްގެ 80 ހަނގުރާމަވެރީން، ދިވެހީންގެ ދެ ޚާއިނުން ކަމަށްވާ އަބްދުﷲ ލުތުފީ އާއި އަހުމަދު ނާސިރާ އެކު ރާއްޖެ އަރައި ސިފައިންގެ މައިމަރުކަޒަށް އެއް ފަހަރާ ތިން ދިމާލުން ވަރުގަދަ ހަމަލާތަކެއްދިނެވެ.

އެންމެ ފުރަތަމަ އައީ ދެ ބޯޓެއްގެ މީހުންނެވެ. ފުރަތަމަ ބޯޓު ސިފައިންގެއާ ދިމާލުން އަރާ ހަމަލާތައް ދޭން ފެށިއެވެ. ދެވަނަ ބޯޓު އެރީ ކަސްޓަމްސް ބިލްޑިންއާ ހިސާބުންނެވެ.

ނަމަވެސް ވަރަށް ކެރުމާއެކު ޝަހީދު ހުސެއިން އާދަމާ އެކު ސިފައިންގޭގެ ބޭރަށް ނެރުނު 10 މީހުންގެ ޓީމުން ދިފާއުގައި ހަމަލާތައް ދިނެވެ. ބާޣީންނަށް ރައްދުގައި ވަރަށް ވަރުގަދަ ހަމަލާތަކެއް ދެމުން ދަނިކޮށް ޝަހީދު ހުސެއިން އާދަމަށް ބޮޑެތި ހަމަލާތަކެއް ދީ ވަނީ ޝަހީދުކޮށްލައިފައެވެ.

އެ ދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހިންގެ 19 ސިފައިން ޝަހީދުވިއެވެ.

ސިފައިންގެ ތެރެއަށް ވަންނަން ދިޔަ ޕްލޯޓް ޖަމާއަތުގެ ވަސަންތީ ބަޑިޖަހައި މަރާލާފައި

ތަމަޅައިންގެ ހާލަތު

"ތަމަޅަ މީހުން ކީއްވެގެން ހޭ ރާއްޖެއަށް އަންނަންޖެހުނީ؟ ސިލޯނުގައި ހަނގުރާމަކުރުމަށް ފަހު އައި އެ މީހުންގެ ވެރިއަކަށް ހުރީ ސީރިއާއިން ތަމްރީނު ހަދާފަ ހުރި ވަރުގަދަ މީހެއް. އަބްދުﷲ ލުތުފީއާ އެމީހުންނާ ދިމާވީ ވެސް ސިލޯނުން،" ޖަލީލް ކިޔައިދެއްވިއެވެ.

ޖަލީލް ވިދާޅުވީ ލުތުފީއަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލްޤައްޔޫމް އަވަހާރަކޮށްލަން މަސައްކަތްކުރި މީހެއް ކަމަށެވެ. ނަމަވެސް ރައީސް ދެއްވި މާފެއްގައި އޭނާ ބޮޑު ހުކުމަކުން ސަލާމަތްވީ ކަމަށް ވިދާޅުވިއެވެ.

"އޭނާގެ އޮންނަ ކަމެއް އެއީ އަބަދުވެސް ވެރިކަމާ ތޮޅުން،" ޖަލީލް ވިދާޅުވިއެވެ.

ތަމަޅަ މީހުން މާލެ އެރީ ވަރަށް ބޮޑު ރޭވުމެއްގެ ދަށުންނެވެ. އެގޮތުން ނުވަ ބަޔަކަށް ބަހާލައިގެން ކަނޑުމަގުން އައިސް އެމީހުން ހަމަލާތައް ދޭން ފެށިއެވެ. އޭގެތެރެއިން ބައެއް މީހުން ސިފައިންގެ ތެރެއަށް ވަދެ ސިފައިން ހިފަން ކަނޑައެޅިއިރު އަނެއްބަޔަކު އޭރުގެ މާލޭގެ މެރިން ޑްރައިވް ކައިރިން އެއްވެސް މީހަކު ފުރިޔަ ނުދީ ހިފަހައްޓަން އެ ސަރަޙައްދަށް ފެތުރުނެވެ. އަނެއް ބަޔަކު މަސައްކަތްކުރީ ސިފައިންގެ ވެރިން ހައްޔަރުކުރެވޭތޯއެވެ. އަދި އަނެއް ބަޔަކު މުވާސަލާތީ ކަންކަން ކުރުމަށް ޚާއްސަވެގެން ތިއްބެވެ.

ނަމަވެސް ދިވެހި ސިފައިންގެ ހަމަލާތަކުން އެބައިމީހުންގެ އިސް ކޮމާންޑަރު 'ވަސަންތީ' މަރާލިއެވެ. ޖަލީލް ވިދާޅުވި ގޮތުގައި އޭނާ މަރާލީ ކުރިމަތިން ބޮލަށް ވަޒަނެއް އަރައިގެންނެވެ.

ހަ މަސް ކުރިން ފެނުނު ހުވަފެން

"ނޮބެމްބަރު ތިނެއްގެ އުދުވާނީ ހަމަލާތަކުގެ ހަ މަސް ކުރިން ހުވަފެނެއް ފެނުނު. ހުވަފެނުގައި ފެންނަނީ މާލެ މަގުމަތީ ބަޑިޖަހަމުންދާތަން. މައި މަރުކަޒު ދިފާއުކުރުމުގައި އަޅުގަނޑު ހުންނެވީ،" އެ ހުވަފެން ފެނުނު ނަމަވެސް އެހާ ވަރަކަށް އެކަމަށް އަޅާނުލައްވާ ކަމަށް ޖަލީލު ވިދާޅުވިއެވެ.

ނަމަވެސް އޭގެ ދެމަސް ފަހުން އަނެއްކާ ވެސް ހުވަފެނެއް ފެނުނު ކަމަށާއި އެ ފަހަރު ފެނުނީ ސިފައިންގެ މީހުންގެ ގަޔަށް ބަޑި ޖަހާ މަރަމުންދާތަން ކަމަށް ޖަލީލު ވިދާޅުވިއެވެ.

"ހަވަނަ ހިއްސު އަޅުގަނޑަށް ބުނެދިނީ އެކަން. ދެވަނަ ހުވަފެން ފެނުމުން އަޅުގަނޑު ކުރަންވީ ކަންކަން ކުރިން. ތަމްރީނުތައް ހިންގިން. އެހެންވީމަ އެކަން އެހާ ފަސޭހައިން އެ ކުރެވުނީ. ހަގީގީ ވަޒަން ބޭނުންކޮށްގެން ބަޑިޖަހައި، އެކަކު އަނެކަކަށް އެހީވާނެ ގޮތް ދަސްކޮށްދީ. ވަޒަން ޖެހީމަ ދެން ކަންކުރާނެ ގޮތްތަކުގެ ތަމްރީނުތައް ވެސް،" ހަނދާން އާ ކުރައްވަމުން ޖަލީލް ކިޔައިދެއްވިއެވެ.

ތިނެއް ނޮވެމްބަރު އުދުވާނީ ހަމަލާއެއްގެ މަންޒަރެއް--

ނޮވެމްބަރު ތިންވަނަ ދުވަހުގެ ފަތިހު އެ މީހުން އަރައި، ތިން ފަރާތުން ހަމަލާތައް ދީގެން ވެސް ކާމިޔާބެއް ނުކުރެވުނެވެ. އެ މީހުންގެ އިސް ކޮމާންޑަރުން ވެސް މަރުވުމުން މާޔޫސްވިއެވެ. ސަލާމަތްވުމަށްޓަކައި އެ ރޭ އެމީހުން ފިލަން މަސައްކަތް ވެސް ފެށިއެވެ.

އެރޭ ފިލުމަށްޓަކައި އެމީހުންގެ ބޯޓު ފުރިއިރު 14 މީހުން ރަހީނުންގެ ގޮތުގައި ގެންދިޔައެވެ.

އެއަށްފަހު ދިވެހި ސިފައިންނާ ގުޅިގެން މަސައްކަތްކުރުމަށް އިންޑިއާ ސިފައިން ރާއްޖެއަށް އައެވެ. އަދި ރަހީނުކުރި މީހުންގެ ބޯޓު އަތުލައިގަންނަން އިންޑިއާ ސިފައިންނާއެކު މަސައްކަތްކުރިއެވެ. ނަމަވެސް އެމީހުން ތިބީ ދޫ ދޭގޮތަަކަށް ނޫނެވެ.

"ތަމަޅަ މީހުންނަކީ އާދަޔާ ޚިލާފު ގޮތްދޫނުކުރާ ތަމްރީނުތައް ހަދައިގެން ތިބި މީހުން. އެންމެ ވަރުގަދަ ކޮމާންޑަރުން އަމިއްލައަށް ބޮލަށް ބަޑިޖަހާ މަރުވީ. ދެން ތިބި މީހާ އަމާންދިނީ،"

"ދެން ޒަޚަމްވި މީހުން އިންޑިއާ ސިފައިންގެ އެހީގައި އިންޑިއާގެ ޓްރިވޭންޑްރަމްއަށް ގެންދިޔައީ،"

މިއީ ކުރު ގޮތަކަށް ޖަލީލްގެ ދޫފުޅުން އެ ދުވަސް ސިފަކުރެއްވި ގޮތެވެ. އެ ހަނދާންތައް އާކުރައްވާ ކިޔައިދިނުމަކީ ޖަލީލަށް ފަސޭހަކަމެއް ނޫނެވެ.

"ނަސްރަކީ ސްޓްރަގްލްއަކަށް ފަހު ލިބޭ އެއްޗެއް،" ޖަލީލް ވިދާޅުވިއެވެ.

comment ކޮމެންޓް