ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ އިއްޒަތް މޫސާ ޖަލީލަށް އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށް ޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާ ގުޅިގެން ކަމަށެވެ. ޚާއްޞަކޮށް، ނޮވެމްބަރު 3، 1988ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅިގެން، ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި ކުރެއްވި މަތިވެރި ޖިހާދު ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އިއްޒަތް ދެއްވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނުގެ ދަށުން އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.
އެ އިއްޒަތް މޫސާ ޖަލީލަށް އެރުވުން އޮންނާނީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވާ ޚާއްސަ ޖަލްސާގައެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މޫސާ ޖަލީލް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވިއެވެ. އެއަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ޖެނުއަރީ 2015ގައި އޭނާ ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރިއެވެ.
ނަމަވެސް އެ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޔާމީންގެ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލައަށް ފަހު، ޔާމީން، ޑިފެންސް މިނިސްޓަރު ކަމުން މޫސާ ޖަލީލް ކުރެއްވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި މޫސާ ޖަލީލްގެ މައްޗަށް ވެސް ތުހުމަތުތަކެއްކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރިއަށްގެންދިޔަ ތަހުގީގަކަށް ފަހު އޭނާއަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިދިޔަ އަހަރު ހުށަހަޅައިފައިވެއެވެ. ނަމަވެސް އޭނާ އެ ތުހުމަތުތައް ދޮގު ކުރައްވައެވެ.
މޫސާ އަލީ ޖަލީލަކީ ނޮވެމްބަރުގެ 3ގެ ހަމަލާއިން ރާއްޖެ ސަލާމަތް ކުރުމަށް މުހިންމު ދައުރެއް އަދާކުރެއްވި ބަތަލެކެވެ. އެ ދުވަހުގެ ހަމަލާއިން ރާއްޖެ ސަލާމަތް ކުރުމަށް އެންމެ ހިތްވަރު ދެއްކެވި ބޭފުޅުންގެ ތެރޭގައި ޖަލީލް ހިމެނެއެވެ.