ހެޔޮ ވެރިކަމެއް ހޯދަން ގައުމުތަކުގެ އެއްބާރުލުމަށް ޝާހިދު ގޮވާލައްވައިފި

މިނިސްޓަރު އަބްދުﷲ ޝާހިދު --- ފޮޓޯ/ ސަރުކާރު

ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި މިހާރަށް ވުރެ ބޮޑަށް އެއް ގައުމު އަނެއް ގައުމާ ގުޅިގެން އެއްބާރުލުން ދިނުމަށް، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

މިނިސްޓަރު މިފަދައިން ގޮވާލައްވާފައިވަނީ އިއްޔެ ނިމުނު ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުންނެވެ.

ޝާހިދުގެ ތަގުރީރުގައި ވަނީ ހެޔޮ ވެރިކަމާއި ގާނޫނީ ވެރިކަމާއި ހަމަޖެހުމާއި އިގުތިސާދު އާރާސްތުކުރުމާއި ދަރަނީގެ ބުރަދަން ލުއިކުރުން ފަދަ ދާއިރާތަކުން ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި އެއް ގައުމުން އަނެއް ގައުމަށް މިހާރަށް ވުރެ އިތުރަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވައިފައެވެ. އަދި "މަލްޓިޑިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް" (އެމްވީއައި) ކަނޑައަޅައި ނިންމުން އަވަސް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި އޭނާ ވަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އެމްވީއައި ވީހާވެސް އަވަހަށް ބޭނުންކުރަން ފެށުމަށް ކޮމަންވެލްތުން ބާރު އެޅުމަށް ގޮވާލައްވައިފައެވެ.

މިނިސްޓަރު ވަނީ ކޮމަންވެލްތު ލިވިން ލޭންޑްސް މެކަނިޒަމް އާއި ކޮމަންވެލްތު ބްލޫ ޗާޓަރާއި ކޮމަންވެލްތު ކްލައިމެޓް ފައިނޭންސް ހަބް ފަދަ ކޮމަންވެލްތުގެ ތަފާތު މެކަނިޒަމްތައް މެދުވެރިކޮށް އެ ޖަމިއްޔާގެ މެންބަރު ގައުމުތަކަށް ދެމެންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް28އަށް މިސްރާބު ޖަހާއިރު، ނިމިދިޔަ ކޮޕް27ގައި ގާއިމުކުރެވުނު "ލޮސް އެންޑް ޑެމޭޖް ފަންޑު" މަސައްކަތް ކުރާނެ އިންތިޒާމުތައް ވީހާ ވެސް އަވަހަށް ގާއިމުކުރުމަށް ވެސް ޝާހިދު ގޮވާލެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ރާނީ އެލިޒަބަތު ދެވަނަ އާއި ދަ ގަމްބިއާގެ ނައިބު ރައީސް ބަޑާރާ އަލިއު ޖޫފް އާއި ގާނާގެ ޚާރިޖީ ވަޒީރު މައިކަލް މޫސާ އަޑާމޯ އަވަހާރަވުމާ ގުޅިގެން ތައުޒިޔާ އަދާކުރައްވާފައެވެ. އަދި، ކުރިއަށް އޮތް ތާނގައި ކޮމަންވެލްތު އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމަށް ރަސްގެފާނު ޗާލްސް ތިންވަނަ ގެންގުޅުއްވާ ދުރު ވިސްނުންފުޅަށް އިތުބާރުކުރައްވާކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

ލަންޑަނުގައި ހުންނަ މާލްބަރޯ ހައުސްގައި ބޭއްވި 22ވަނަ ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ކޮމަންވެލްތުގެ އެކި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

މި ބައްދަލުވުމުގައި އެ ބޭފުޅުން ވަނީ ތިން މައުޟޫއަކަށް ވާހަކަ ދައްކަވައި މަޝްވަރާކުރައްވައިފައެވެ. އެއީ، "ބިލްޑިން ރެޒިލިއަންސް ފޯ ޕީސްފުލް، ޖަސްޓް އެންޑް ސްޓޭބަލް ސޮސައިޓީސް"؛ "ފައިނޭންސިން ފޯ ކްލައިމެޓް ރެޒިލިއަންޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" އަދި "ލެވެރޭޖިން އިންޓްރާ-ކޮމަންވެލްތް ޓްރޭޑް އެންޑް ޑިޖިޓަލް ކަނެކްޓިވިޓީ"، މި ތިން މައުޟޫއެވެ.

ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރު ވަނީ ކޮމަންވެލްތުގެ ގިނަ ގައުމުތަކެއްގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ޝާހިދުގެ އަރިހުގައި ފޮރިން ސެކްރެޓަރީ، އަޙުމަދު ލަތީފާއި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަޙަނާޒް ފައިޒަލް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ، މަރިޔަމް މިދުފާ ނަޢީމް އާއި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ކައުންސެލާ، މޫސާ ޔަމީން ޝާހިދާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރު، އަޙުމަދު ސަލްމާން ޒަކީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް