ދަމާސްއިން އެ ކުންފުނީގެ ފަރުނީޗަރު ފިހާރަތައް ޚާއްސަ ޑިސްކައުންޓްތަކާއެކު ހުކުރު ދުވަހު ހުޅުވަން ނިންމައިފިއެވެ.
ހުކުރު ދުވަހަކީ ޢާންމުކޮށް ދަމާސްގެ ފިހާރަތައް ބަންދު ދުވަހެކެވެ. ނަމަވެސް ހުކުރު ދުވަހުގެ މެންދުރު 16:00 އިން ރޭގަނޑު ދިހަ އަކަށް ފަރުނީޗަރު ފިހާރަތައް ހުޅުވަން ދަމާސް އިން ނިންމީ، ރޯދަމަސް ކައިރިވެފައިވުމާއެކު، ކަސްޓަމަރުންނަށް އިތުރު ފުރުސަތުތައް ހޯދައިދޭން ކަމަށް އެކުންފުނިން ބުންޏެވެ.
ހުކުރު ދުވަހު ދަމާސްގެ ދަމާސް ހޯމް (ވައިލެޓް މަގު) އަދި އިންޑެކްސް ފަރުނީޗާ (ހަނދުވަރީ ހިނގުން އަދި އިރަމާ މަގު ގުޅޭ ކަންމަތި) ފިހާރަ ހުޅުވަން ނިންމީ ޚާއްސަ ޑިސްކައުންޓް ތަކަކާއެކުއެވެ. އެގޮތުން އެ ދުވަހު ޚާއްސަކޮށް ރޯދަ ސޭލްގެ ޑިސްކައުންޓްތަކުގެ އިތުރުން، އިތުރު 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
ދަމާސްގެ "ރަމަޟާން ސޭލް" އަކީ 500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ސޭލްއެކެވެ. މި ސޭލްއިން އެއްވަނައަށް ދާ މީހަކަށް ޑިއުރޯ ފްލެކްސް ގޮދަޑިއަކާއި ބެޑްރޫމް ސެޓެއް ލިބޭނެއެވެ. އަދި ދެވަނައަށް ދާ މީހަކަށް ސޯފާ ސެޓެއް ލިބޭއިރު، ތިންވަނައަށް ދާ މީހަކަށް ޑައިނިން ޓޭބަލެއް ލިބޭނެއެވެ.
އެގޮތުން މި ސޭލުން ލިބޭ ތަކެއްޗަށް ބަލާއިރު، ބަދިގޭ ސާމާނާއި އެކިއެކި ފަރުނީޗަރު ހިމެނެއެވެ.
ދަމާސްއިން މީގެ ކުރިން ބުނީ، އެ ކުންފުނިން ހިންގާ ރަމަޟާން ސޭލަކީ އަބަދު ވެސް ބޮޑު ތަރުހީބެއް ލިބޭ ސޭލްއެއް ކަމަށާއި، މި އަހަރުގެ ސޭލްއަށް ވެސް ތަރުހީބު ބޮޑު ކަމަށެވެ. އަދި މި އަހަރު އެ ސޭލްއަށް ގިނަ ދުވަސް ދެނީ ވެސް އޭގެ ސަބަބުން ކަމަށް އެ ވިޔަފާރިން ބުންޏެވެ.
ދަމާސްގެ އައުޓްލެޓްތަކުގެ ތެރޭގައި، ދަމާސް ހޯމް (ވައިލެޓް މަގު)، ދަމާސް ހާޑްވެއާ (ފާމުދޭރި މަގު)، ދަމާސް ޕެއިންޓް (ފާމުދޭރީ މަގު)، ދަމާސް އޮފީސް ފަރުނީޗާ (މަޖީދީ މަގު)، ދަމާސް ރިސޯޓްވެއާ (ކޮލި އުމަރު ގޯޅި)، އިންޑެކްސް ފަރުނީޗާ (ހަނދުވަރީ ހިނގުން އަދި އިރަމާ މަގު ގުޅޭ ކަންމަތި) ހިމެނެއެވެ.
މަޖީދީ މަގުގައި ހުންނަ ދަމާސް އޮފީސް ފަރުނީޗާގެ ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ދަމާސް ކިޗެންއަށެވެ. އެގޮތުން ދަމާސް ކިޗެންއިން އެ މީހަކު ބޭނުން ޑިޒައިނަކަށް، ބަދިގެއަށް ބޭނުންވާ ފަރުނީޗަރު ހަދައިދޭނެއެވެ.
ދަމާސްއިން ވިޔަފާރި ކުރާ މީހުންނަށް މާލެއާއި ހުޅުމާލެގައި ހިލޭ ޑެލިވަރީ އާއި ރާވައިދިނުމުގެ ޚިދުމަތް ދެއެވެ. އަދި އަތޮޅު ތެރޭގައި ނަމަ އެރަށެއްގެ ބޯޓަކާ ހަމައަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.