ވިސާއާ ނުލައި ދިވެހިންނަށް ގާނާއަށް ދެވޭނެ ގޮތް ހަމަޖެއްސުމަށް އެއްބަސްވުމެއް

ގާނާއާއެކު ދެ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ތެރެއިން --- ފޮޓޯ/ ފޮރިން މިނިސްޓްރީ

ވިސާ ނެގުމަކާ ނުލައި ރާއްޖެ އާއި ގާނާއާ ދެމެދު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެގައުމާއެކު ރާއްޖެއިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ކޮމަންވެލްތުގެ މައި މަރުކަޒު ކަމަށްވާ ލަންޑަނުގައި ހުންނަ މާލްބަރޯ ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި، ރާއްޖެއިން ގާނާއާއެކު ހަދާ ދެ އެއްބަސްވުމެއްގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ގާނާގެ ފަރާތުން މިދެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެގައުމުގެ ފޮރިން އެފެއާޒް އެންޑް ރީޖަނަލް އިންޓަގްރޭޝަން، ޝަލީ އަޔޯކޯ ބޮޗްވޭއެވެ.

އެ ދެ އެއްބަސްވުމަކީ އިތުރު ވިސާ ނެގުމަކާ ނުލައި ރާއްޖެ އާއި ގާނާއާ ދެމެދު ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ސޮއިކުރި ވިސާ ވެއިވާ އެއްބަސްވުމަކާއި ރާއްޖޭގެ ސަރުކާރާއި ގާނާގެ ސަރުކާރާ ދެމެދު ސިޔާސީ މަޝްވަރާތައް ބޭއްވުމަށްޓަކައި ސޮއިކުރި ފަހުމުނާމާއެކެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މި ދެ އެއްބަސްވުމުގެ ސަބަބުން، ގާނާއާއި ރާއްޖޭގެ ދޭދޭ ގުޅުންތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ދެ ގައުމުގެ ޚާރިޖީ ވުޒާރާތަކުގެ މެދުގައި ގަވައިދުން ސިޔާސީ މަޝްވަރާތައް ބޭއްވުމަށް މަގުފަހިވާނެ ކަމަށެވެ.

ހަމަ އެއާއެކު، އިތުރު ވިސާއެއް ނެގުމަކާ ނުލައި ދެ ގައުމުގެ މެދުގައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހުމާއެކު، އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުން ފަސޭހަވެ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވުމަށް މަގުފަހިވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖެއިން ގާނާއާއެކު ސިޔާސީ ގުޅުން ގާއިމުކުރީ 1989 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ.

comment ކޮމެންޓް