އިމްރާން ހިސާބު ޖައްސަވައިފި، ރައީސް ޞާލިޙަށް 51.2 ޕަސެންޓް ވޯޓް ލިބޭނެ!

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް -- ސަން ފައިލް ފޮޓޯ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު މިހާރު ތިބި ޕާޓީތަކަށް ރިޔާސީ އިންތިޚާބުގައި 51.2 ޕަސެންޓް ވޯޓް ލިބޭނެ ކަމަށް، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ ދެ ވަނައަށް އެންމެ ބޮޑު، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކައުންސިލުން އިއްޔެ ފާސްކުރީ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރުމަށެވެ. އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރިޔާސީ ރޭހަށް ނުކުންނަވާއިރު ބެލެވޭގޮތުގައި އެންމެ އަރިހުގައި ހުންނަވާނީ ރައީސް ޞާލިޙާ ސިޔާސީ ގޮތުން މިހާރު އެންމެ ވާދަވެރި ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.

ޖޭޕީއިން ވަކިން ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ނިންމުމުން ރައީސް ޞާލިޙް ދެވަނަ ދައުރެއް ހޯދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

ރައީސަށް ތާއީދު ކުރަން ނިންމާފައިވާ އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ނުކުންނާނެ ގޮތަކާމެދު "ވަރަށް ހިސާބު ޖަހައިފިން" ކަމަށެވެ.

"މާތްﷲ އިރާދަކުރެއްވިއްޔާ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ އެކުގައި ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ހޮވަން ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ 9 ސެޕްޓެމްބަރު 2023 ގައި ނަގާ ވޯޓުން 51.2 ޕަސެންޓަށް ވުރެން މަތިން ކާމިޔާބު ކުރާނަން،" 9،786 މެމްބަރުން ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވިއެވެ.

ޖޭޕީގެ ނިންމުމާ ގުޅިގެން ސަރުކާރަށް ސިޔާސީ ގޮތުން ޕްރެޝަރު ބޮޑުވެފައިވީ ނަމަވެސް މިހާތަނަށް ސަރުކާރުން ރަސްމީކޮށް އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ރާއްޖޭގެ ފަހުގެ ތާރީޚުގައި ހުރިހާ ޕާޓީތަކަކަށް ވެސް ވެރިކަމަށް އާދެވެނީ ކޯލިޝަނެއް މެދުވެރިކޮށެވެ. ނަމަވެސް ރައީސް ޞާލިޙްގެ މިސަރުކާރު ފިޔަވާ އެހެން ހުރިހާ ސަރުކާރެއްގެ ކޯލިޝަން ވަރަށް އަވަހަށް ރޫޅުނެވެ. މިސަރުކާރުގައި ކޯލިޝަން ދެމެހެއްޓުމަށް ރައީސް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި ކޯލިޝަން ޕާޓީތަކާ ގުޅިގެން ދެވަނަ ދައުރަކަށް ކުރިމަތިލުމަށް ވެސް ރައީސް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ނަމަވެސް ކަންވަމުން މިދަނީ އެގޮތަކަށް ނޫނެވެ.

comment ކޮމެންޓް