އަޖޭގެ ''ސިންގްހަމް އަގެއިން'' ރިލީޒްކުރާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު

އަޖޭ ދޭވްގަން އާއި ބަތަލާ ދިޕިކާ ޕަދުކޯން ލީޑް ރޯލްކުޅޭ، ރޯހިތު ޝެޓީގެ ފިލްމު "ސިންގްހަމް އަގެއިން" ރިލީޒްކުރުން ކުރިއަށްއޮތް އަހަރުގެ ނޮވެމްބަރު މަހަށް ތާވަލުކޮށްފިއެވެ.

އެ ފިލްމުގެ މަސައްކަތް މިއަހަރުގެ ޖުލައި މަހު ފަށަން ތައްޔާރުވެފައިވާއިރު ފިލްމު ރިލީޒްކުރަން ހަމަޖެއްސި ތާރީޚަކީ އިންޑިއާގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލް ދުވަސްކޮޅުވެސްމެއެވެ.

"ސިންގްހަމް"ގެ ފިލްމުތަކުގައި މީގެ ކުރިންވެސް އެކްޓަރުގެ ރޯލްއިން ފެނިގެންގޮސްފައިވަނީ އަޖޭ ދޭވްގަންއެވެ. އަޖޭއާއެކު ދިޕިކާ ފިލްމުގައި ފެންނައިރު މީގެކުރިން އޭނާ ވަނީ ރޯހިތުއާއެކު ފިލްމެއްގައި މަސައްކަތްކޮށްފައެވެ. އެއީ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ޗެއްނާއީ އެކްސްޕްރެސް"އެވެ.

މިފަހަރުގެ ފިލްމުން "ސިމްބާ"ގައި ފެނިގެންދިޔަ ރަންވީރު ސިންހުގެ ކެރެކްޓާ އާއި "ސޫރްޔަވަންޝީ"ގައި އަކްޝޭ ކުމާރު ފެނިގެންދިޔަ ކެރެކްޓަގެ ޚާއްޞަ ފެނިލުމެއް ދައްކާލާނެއެވެ.

މިފިލްމުގައި ދިޕިކާ އަންހެން ފުލުހެއްގެ ރޯލްއިން ފެންނާނެކަން ރޯހިތު ކަށަވަރުކޮށްދީފައިވަނީ، ރަންވީރާއެކު އޭނާ މަސައްކަތްކުރި ފިލްމު "ސާކަސް"ގެ އިވެންޓެއްގައެވެ. އޭރު ރޯހިތު ބުނެފައިވަނީ ގިނަ ބަޔަކު އަންހެން ސިންގްހަމްއެއް ފެންނަން ބޭނުންވާކަމަށް ތަކުރާރުކޮށް ބުނެފައިވާކަމަށެވެ. އެހެންކަމުން މިފަހަރުގެ ފިލްމުން 'ލޭޑީ ސިންގްހަމް'އެއް ތައާރަފު ކުރަން ބޭނުންވީ ކަމަށް އޭނާ ބުންޏެވެ.

ކޮޕް ޔުނިވާސްގެ ހުރިހާ ފިލްމެއްގެ ކެރެކްޓާވެސް އެއް ކެރެކްޓާ އަނެއް ކެރެކްޓާއާ ގުޅި ލާމެހިފައިވުމުން ކޮންމެ ފިލްމެއްގައިވެސް ކެމޯ ސީންތަކެއް ހިމެނޭނެކަމަށް ރޯހިތު ވަނީ ބުނެފައެވެ. އެހެންނަމަވެސް ފިލްމުގެ ކްލައިމެކްސްއިން ކޮޕް ޔުނިވާސްގެ ހުރިހާ އެކްޓަރުން ފެންނާނެތޯ ނުވަތަ ނޫންތޯ މިއީ އަދި ނުވިސްނާ ކަމެއްކަމަށް ކާމިޔާބު ޑައިރެކްޓަރުވަނީ ބުނެފައެވެ.

ފިލްމު "ސިންގްހަމް"އަކީ 2011ވަނަ އަހަރު ރޯހިތު ޝެޓީ ޑައިރެކްޓްކޮށް ރިލަޔަންސް އެންޓަޓެއިންމަންޓްއިން ގެނެސްދިން ފިލްމެކެވެ. މިފިލްމަކީ، އެއަހަރު ރިލީޒްކުރި އެކްޝަން ފިލްމުތަކުގެ ތެރެއިން ބޮޑު މަގުބޫލުކަން ލިބުނު ފިލްމެކެވެ. ތަމަޅަ ފިލްމެއްގެ އަސްލާ އެއްގޮތަށް ގެނެސްދިން މިފިލްމަކީ އަޖޭގެ ކެރިއަރުގައިވެސް ކުޅުނު އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުން ޖާގަ ހޯދާފައިވާ ފިލްމެކެވެ. "ސިންގްހަމް"ގެ ދެވަނަ ބައި ރިލީޒްކުރީ 2014ވަނަ އަހަރުއެވެ.

comment ކޮމެންޓް