މިލިންދު ސޯމަންއަށް ޓީ-ސީރީސްގެ ފިލްމެއް

"ސްޓާފިޝް ޕިކްލް"ގެ އެންމެ މުހިއްމު ރޯލް ކުޅެން ހަމަޖެހިފައިވަނީ އެކްޓަރު މިލިންދް ސޯމަން ---

އިންޑިއާގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބީނާ ނަޔަކް ލިޔެފައިވާ ވާހަކަ "ސްޓާ ފިޝް ޕިކްލް" އަސްލަކަށް ބަލައިގެން ހަމަ އެނަމުގައި ފިލްމެއް އުފައްދަން ޓީ-ސީރީސްއިން ނިންމައިފިއެވެ.

ޓީ-ސީރީސްއާއެކު މިފިލްމު އުފެއްދުމުގައި ދެން ހިއްސާވާނީ މޯޝަން ޕިކްޗާސް ކުންފުންޏެވެ. ލޯބީގެ ރީތި ހާދިސާތަކެއް ކިޔައިދީފައިވާ މިވާހަކައަށް ބިނާކޮށް އުފައްދާ ފިލްމުގެ ލީޑް ރޯލްއިން ފެނިގެންދާނީ މޮޑެލިންގެ ދާއިރާ ފަތަހަކުރުމަށްފަހު ބައެއް ފިލްމުތަކުން ފެނިގެންދިޔަ މިލިންދް ސޯމަންއެވެ. މިލިންދްގެ އިތުރުން މިފިލްމުގެ ކާސްޓުންގެތެރޭ ހިމެނެނީ ބަތަލާ އަދި ފެޝަން ޑިޒައިނާ ޚުޝާލީ ކުމާރުއާއި މޮޑެލްކުރުމުގެ ދާއިރާގައި މަގުބޫލު އެހާން ބަޓް އާއި ތުޝާރު ކަންނާއެވެ.

"ސްޓާފިޝް ޕިކްލް"ގައި ދައްކުވައިދޭނީ ޑައިވްކުރުމުގެ ދާއިރާގެ ހުނަރު ލިބިފައިވާ މީހެއްގެ ދިރިއުޅުމުގެ ތާރީޚީ ވާހަކަތަކެކެވެ. ވާހަކަ ބިނާކޮށްފައިވާގޮތުން ވާހަކައިގައި ހިމެނޭ އެހެނިހެން ކެރެކްޓަރުންގެ ދިރިއުޅުންވެސްވަނީ މިޑައިވަރާ ވަރަށް ބޮޑަށް ގުޅިފައެވެ.

ޓީ-ސީރީސްއިން ބުނީ އެ ފިލްމު ބެލުމުން، ކަނޑު އަޑީގެ މަންޒަރުތައް ދައްކުވައިދޭ ހިތްގައިމު ދަތުރަކަށް ދެވޭކަހަލަ އިހުސާސެއް ކުރެވޭނެ ކަމަށެވެ.

އެ ފިލްމުން މިލިންދް ފެންނާނީ ކާސްޓުގައި ހިމެނޭ ޒުވާން ތިން އެކްޓަރުންގެ ދިރިއުޅުން ހަމަ މަގަށް އެޅުވުމަށް އެހީތެރިވެ، މަގު ދައްކައިދޭ މީހެއްގެ ރޯލުންނެވެ. މިފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށަން ތައްޔާރުވެފައިވާއިރު ފިލްމުގައި ފެންނަ އެކްޓަރުން އަންނަނީ ޑައިވްކުރުމުގެ ޚާއްޞަ ތަމްރީނުތަކެއް ފުރިހަމަކުރަމުންނެވެ.

އެ ފިލްމުގެ އެންމެ މުހިއްމު ރޯލް ކުޅެން ހަމަޖެހިފައިވާ އެކްޓަރު މިލިންދް ސޯމަންއަކީ، 1995ވަނަ އަހަރު ލަވަކިޔުންތެރިޔާ އެލީޝާގެ "މޭޑް އިން އިންޑިއާ" ލަވައިން ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ފަންނާނެކެވެ. ފިލްމީ ދާއިރާގެ އެކި ކަހަލަ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމުގެ އިތުރުން މިލިންދްއަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް އާންމުން ހޭލުންތެރިކުރުމަށް މަސައްކަތްކުރާ ފަރާތެއްވެސްމެއެވެ. އެގޮތުން އޭނާގެ އަންހެނުން އަންކިތާ ކޮންވާރްއާއެކު ދުވުމުގެ ތަފާތު އެކި ކެމްޕޭންތަކުގައި ބައިވެރިވެ މިލިންދްވަނީ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ސަމާލުކަން ހޯދާފައެވެ.

comment ކޮމެންޓް