ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް މި އަހަރުގެ ރިޔާސީ އިންތިޚާބު ވަރަށް ފަސޭހަކަމާއެކު ކާމިޔާބުކުރެއްވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަލީ ޒާހިރު މިފަދައިން ވިދާޅުވެ ޓްވީޓެއް ކުރައްވައިފައިވަނީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމުމާއެކުގައެވެ.
އެގޮތުން އޭނާ ވިދާޅުވީ ރައީސް ޞާލިހުގެ އިސްނެންގެެވުމާއެކު އަދާލަތު ޕާޓީއާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އާއެކު ކޯލިޝަނުގައި މަސައްކަތްކޮށްގެން މި އަހަރު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުން ފަސޭހަވާނެކަމަށް ޔަގީންކުރައްވާކަމަށެވެ.
މި ކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން އަލީ ޒާހިރަށް ގުޅޭ ގޮތްވަނީ ނުވެފައެވެ.
ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމި ނިންމުމާއެކެ އެ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ވެސް ވަނީ މިރޭ އިސްތިއުފާ ދެއްވައިފައެވެ.
މި ސަރުކާރުގައި ނައިބު ރައީސްކަން ކުރައްވާ ފައިސަލް ނަސީމަކީ ވެސް ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ. ނަމަވެސް އަދި ރިޔާސީ އިންތިޚާބަށް ސިޔާސީ ނިންމެވުމެއް ނައިބު ރައީސް ނުނިންމަވައެވެ.
ޖުމްހޫރީ ޕާޓީން މިރޭ ވަނީ އެ ޕާޓީގެ ކައުންސިލް ބައްދުލުވުމުގައި ބައިވެރިވި 49 މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު ފިޔަވައި އެހެން މެމްބަރުންގެ ތާއީދާއެކު ޖޭޕީން އިސްވެ އޮވެ އިންތިޚާބުގައި ވާދަކުރަން ނިންމައިފައެވެ. ސަމީރު އިސްތިއުފާ ދެއްވީ ހަމަ އެ ކައުންސިލް ބައްދަލުވުމުގެ ތެރެއިންނެވެ.
ދެހާސް އަށާރަވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމުގައި އެއިރު ޖުމްހޫރީ ޕާޓީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.