ބަތަލާ މާހިރާ ޝަރްމާއަށް ވެބް ސީރީސްއެއް

ޕަންކަޖް ތްރިޕާތީއާއި ޝަތުރަންގް ސިންގް އާއި އާޝުތޯޝް ރާނާ މުހިއްމު ރޯލްތަކުން ފެންނަ "ގޭންސްގްޓާ" ވެބް ސީރީސްގެ އަންހެން ލީޑް ރޯލް ކުޅޭނީ މާހިރާ ޝަރްމާ ---

ޓީވީ ސީރީސްތަކުން ފެނިފައިވާ ބަތަލާ މާހިރާ ޝަރްމާއަށް ވެބް ސީރީސްއަކުން އަންހެން ލީޑްގެ ރޯލް ލިބިއްޖެއެވެ.

މޮޑެލް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އަދި ބިގްބޮސް 13އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި މާހިރާ ކުޅޭ ވެބް ސީރީސްގެ ނަމަކީ "ގޭންގްސްޓާ"އެވެ. އެ ވެބްސީރީސްއިން އެކްޓަރު ޕަންކަޖް ތްރިޕާތީއާއި ޝަތުރަންގް ސިންގް (ސަތަރޭ) އާއި އާޝުތޯޝް ރާނާ މުހިންމު ރޯލްތަކުން ފެންނާނެއެވެ.

އެ ސީރީސްއާ ބެހޭ އިތުރު ތަފުސީލާއެކު ފިލްމުގެ ޕޯސްޓަރު ވަރަށް އަވަހަށް އާއްމުކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ މޮރާދާބާދުގައި ޝޫޓިން ފެށުމަށް ތައްޔާރުވެފައިވާ މިވެބް ސީރީސްއަކީ ވަރުގަދަ ކާސްޓެއް އެކުލެވޭ ސީރީސްއެއްކަމުން މިއީ ވަރަށް ވަރުގަދަ އެކްޝަން ތްރިލާ ސީރީސްއަކަށް ވާނެކަމަށް ރިޕޯޓުތައް ބުނެއެވެ. ބަތަލާ މާހިރާ ޝަރްމާ މަގުބޫލުވީ ރެޕާ ރަފްތާރުއާއެކު ކުޅުނު ވެބް ސީރީސް "ބަޖާއޯ"އިންނެވެ. މީގެއިތުރުން ކަލާސް ޓީވީއިން ގެނެސްދޭ ސީރީސް "ނާގިން"އިންވެސް މާހިރާވަނީ ފެނިފައެވެ. ޓީވީ ސީރީސްއާއި ބޮލީވުޑްގެ ޕްރޮޖެކްޓްތަކުގެ އިތުރުން މާހިރާއަކީ ޕަންޖާބީ ފިލްމު އިންޑަސްޓްރީގެވެސް ގިނަ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާ ބަތަލާއެކެވެ.

"ގޭންގްސްޓާ" ޕްރިމިއާކުރާނެކަމަށް ރިޕޯޓުތަކުން ބުނެފައިވަނީ ނެޓްފްލިކްސްގައެވެ. މިވެބް ސީރީސްއަކީ، ބޮލީވުޑްގެ ތަޖުރިބާކާރު ބައެއް އެކްޓަރުންނާއެކު މަސައްކަތްކުރަން މާހިރާއަށް ލިބޭ ފުރަތަމަ ފުރުސަތެވެ.

ދާދިފަހުން އޭނާ ފެނިފައިވާ ޕަންޖާބީ ފިލްމު "ލެމްބާގިއްނީ"އަކީ ޕަންޖާބު ފިލްމަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލްމެކެވެ.

comment ކޮމެންޓް