އިއުލާންނުކޮށް ތ. ގުރައިދޫން ބިންތަކެއް ދޫކުރި މައްސަލައިގައި އެ ރަށު ކައުންސިލްގެ ކުރީގެ ރައީސާއި ނައިބު ރައީސްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓަ ޖެނަރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފިއެވެ.
އޭސީސީން މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ގުރައިދޫ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން އަހަދު އާއި އެ ކައުންސިލްގެ ކުރީގެ ނައިބު ރައީސް މުހައްމަދު ސަރާހްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާއެވެ.
އޭސީސީން ބުނީ، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ގަވާއިދާއި، ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ގުރައިދޫ ކައުންސިލުން އަމަލުކުރަމުން އައި އުސޫލާ ޚިލާފަށް އެ ދެމީހުން އަމަލުކޮށްފައިވާކަން އެ ކޮމިޝަނުގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މީގެ އިތުރުން، އިއުލާންނުކޮށް، ބިން ދޫކުރުމުގެ އެއްބަސްވުންތަކުގައި ހުސައިން އަހަދުއާއި މުހައްމަދު ސަރާހު ސޮއިކޮށްފައިވުމުން ބިންތައް ދޫކުރުމުގައި އެދެ މީހުންގެ ބައިވެރިވުން އޮތްކަން އޭސީސީގެ ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.