އިމާރާތްތަކަށް ކުނި ނަގަން އެރުން ވެމްކޯގެ ޕްރިމިއަމް ޙިދުމަތަކަށް ހަދަނީ

މާލޭގެ މަގެއްގެ މަތީގައި ބަހައްޓާފައި ހުރި ކުނި ކޮތަޅުތަކެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަރަންޓު ބިލުގެ ތެރޭގައި ކުނި ބިލު ހިމެނުމަށްފަހު، ކުނި ނަގާނީ އިމާރާތްތަކުގެ ތިރިން ކަމަށާއި، ދޮރުން ދޮރަށް ކުނި ނަގާނަމަ އެ ޚިދުމަތަށް ވަކި ޕްރިމިއަމް ރޭޓެއް ތައާރަފްކުރަން ވިސްނާ ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވެއްޖެއެވެ.

ކަރަންޓު ބިލުގެ ތެރެއަށް ކުނި ބިލު އެއްކޮށްލުމާ ގުޅޭގޮތުން މައުލޫމާތު ދޭން ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިރާޖު ވިދާޅުވީ ބިލުތައް އެއްކޮށްލާ ހިސާބުން ކުނި ނަގާނީ އިމާރާތުގެ ތިރިން އެކަނި ކަމަށެވެ. އޭނާ ވިދާޅުވީ ގޭގޭގެ ދޮރުމަތިން ކުނި ނަގާނަމަ، ވެމްކޯގެ "ޕްރިމިއަމް ކަސްޓަމަރަކަށް" ވާން ޖެހޭނެ ކަމަށާއި، އެ ހިދުމަތަށް އިތުރު އަގެއް ނަގާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭން އެބަހުރި ޕްރިމިއަމް ޕްލޭންތަކެއް ތަޢާރަފްކުރަން، އަޅުގަނޑުމެން ބޭނުން އަޅުގަނޑުމެން ކުރިން ކަނޑައެޅި އަގު ހިފަހައްޓަން. އެހެން ކަމުން އެ ބަދަލުނުކޮށް، ޕްރިމިއަމް ކަސްޓަމަރުންނަށް ވަކިން، ޚާއްސަކޮށް ޑޯ ޓު ޑޯ ބޭނުންވާ ފަރާތްތަކަށް، ޕްރިމިއަމް ރޭޓް ތަކެއްގައި އެ ޚިދުމަތް ދެވޭނެ،" ސިރާޖު ވިދާޅުވިއެވެ.

ޕްރިމިއަމް ޙިދުމަތް ތައާރަފު ކުރަން ވިސްނާފައިވީ ނަމަވެސް، އެ ޙިދުމަތަށް ނަގާނެ އަގުތަކެއް އަދި ކަނޑައަޅާފައި ނުވެއެވެ. ސިރާޖު ވިދާޅުވީ އެ ޙިދުމަތަށް ދައްކަން ޖެހޭ އަގު ކަނޑައަޅަން މަޝްވަރާ ކުރަމުން ދާ ކަމަށެވެ.

ކުނި ނަގާ ގޮތަށް ގެނައި ބަދަލުގެ އިތުރުން، އަންނަ މަހުން ފެށިގެން އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތަށް ކުނި ވަކި ނުކުރާ ނަމަ، 1000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ. ވެމްކޯއިން ބުނި ގޮތުގައި އޭގެ ބޭނުމަކީ ރައްޔިތުން މިހާރަށް ވުރެ ކުނި ވަކި ކުރަން އިސްކަން ދިނުމެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން

ކުނި ބިލް ނުދައްކާ މައްސަލައިގައި ސިރާޖު ވިދާޅުވީ ސްޓެލްކޯގެ ބިލް ތެރެއަށް ކުނި ބިލް ވަނުމާއެކު، 50،000އަށް ވުރެ ގިނަ ކަރަންޓު ބިލުގައި ކުނި އުކައިދިނުމުގެ ބިލު ހިމެނޭނެ ކަމަށެވެ. ނަމަވެސް ކުނި ބިލުގެ ޗާޖެއް ހިމެނޭނީ ހަމައެކަނި ރަޖިސްޓާ ވެފައިވާ ކަސްޓަމަރުންނަށް ކަމަށެވެ.

"މީގެ ސަބަބުން އަޅުގަނޑުމެންގެ ޢާމްދަނީ [މަހަކު] 7.5 މިލިއަންއަށް އިތުރުވާނެ،" ސިރާޖް ވިދާޅުވިއެވެ.

ސްޓެލްކޯގެ ކަރަންޓު ބިލަށް ކުނި ބިލް އިތުރުވުމާއެކު ދެން އެންމެ ބޮޑު ބަދަލެއް އަންނާނީ ކޮމާޝަލް ތަންތަނުގެ ކުނި ބިލްތަކަށެވެ. މިކަމާ ގުޅޭ މަޢުލޫމާތު ދެމުން ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް ވިދާޅުވީ އެފަދަ ތަންތަނުގެ ބިލްތަކުގެ ބޭސް ލައިނެއްގެ ގޮތުގައި 972 ރުފިޔާ ހަމަ ޖައްސައިފައިވާ ކަމަށެވެ. އެކަމަކު ދެ ފަރާތުން ވާހަކަ ދައްކައިގެން އެ ބިލު ކުޑަ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/165334

ވެމްކޯގެ ކަސްޓަމަރުންގެ ގޮތުގައި 24،000 އެއްހާ މީހުން ތިބިއިރު، އޭގެ ތެރެއިން ވަރަށް ގިނަ ކަސްޓަމަރުން ބިލް ނުދައްކައެވެ. މި ވަގުތު އެ ކުންފުނީގައި ތިބި ކަސްޓަމަރުންގެ ތެރެއިން ބިލް ދައްކަނީ 85 އިންސައްތަ ކަސްޓަމަރުންނެވެ.

comment ކޮމެންޓް