މިއަދުން ފެށިގެން ކުނި ނެރެން ޖެހޭނީ ވަކިކޮށްގެން

މާލޭ ލޮކްޑައުން ކޮއްފައި އޮތްއިރު މާލޭމަގުމައްޗަށް ކުނި ޖަމާކޮއްފައި -- ސަން ފައިލް ފޮޓޯ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން އަންގާފައިވާ ފަދައިން، މިއަދުން ފެށިގެން ކުނި ނެރެން ޖެހޭނީ ވަކިކޮށްގެންނެވެ.

ކުނި ވަކިކޮށްގެން ނެރެން ޖެހެނީ، ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ވެމްކޯއިން ނިންމާފައިވާ ނިންމުމުގެ ދަށުންނެވެ.

އެ ކުންފުނިން ބުނީ މާލެ ސަރަހައްދުން އުކާލުމަށް ތައްޔާރުކުރާ ކުނި ވަކިކުރަން ޖެހޭނީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކު ފުޅި ވަކިކޮށްގެން ކަމަށެވެ. އަދި އެ ނޫން ބާވަތްތަކުގެ ކުނިތައް ވެސް އުކާލުމަށް ތައްޔާރުކުރަން ޖެހޭނީ ވަކިކޮށްގެން ކަމަށް ވެމްކޯއިން ބުންޏެވެ.

މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުން ކުނި ވަކިކުރަން ޖެހޭނީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކު ފުޅި، މަޢުދަނާއި ބިއްލޫރީގެ ބާވަތްތައް ވަކިކޮށްގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މަތީގައި ބަޔާންކުރެވިފައިވާ ބާވަތްތައް ބަންދުކުރުމުގައި އެއް ކުނީގެ ބާވަތް އަނެއްކުންޏާ އެއް ނުވާނެހެން ވަކި ކޮތަޅެއްގައި ބަންދުކުރުމަށް ސަމާލުވުމަށް ދަންނަވަމެވެ." ވެމްކޯއިން ނެރުނު ބަޔާނެއްގައިވެއެވެ.

މީގެ އިތުރުން ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކުންފުނީގެ 'ކޯލް އެންޑް ޕިކަޕް' ޚިދުމަތް ފޯރުކޮށްދޭނެކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން ބުނި ގޮތުގައި، ކުނި އުކާލުމަށް ރަޖިސްޓްރީ ކޮށްފައިވާ މީހުން އެފަދަ ކުނި ކުލީ ޕިކަޕުގައި ސައިޓަށް ގެންގޮސް ވެސް އުކާލެވޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް