މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ އިންސާފުވެރި ކަމާމެދު ޖަޖިން ކޮމިޓީގެ ހުރިހާ މެމްބަރުންގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ސްޕޯޓްސް އެވޯޑު ކޮމިޓީން ބުނެފިއެވެ.
އިއްޔެ ހެންވޭރު ބޯޅަ ގޭގައި އެ މުބާރާތުގެ ޖަޖުންގެ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ޖަޖިން ކޮމެޓީގައި ހިމެނޭ ކުރީގެ ބާސްކެޓު ކުޅުންތެރިޔާ އަބްދުލް ނާފިއު ތައުފީގު ބުނީ މިއަހަރުގެ އެވޯޑު އިންސާފުވެރިވާނެކަމުގެ ޔަގީންކަން އޮތްކަމަށެވެ.
އޭނާ ވިދާޅުވީ އެ ކޮމެޓީން މިއަހަރު ވަރަށް ގިނަ ގޮތްގޮތުން ތައްޔާރުވެ އެ ކޮމެޓީގެ ކަންކަން ހަރުދަނާކޮށް މިއަހަރު ޖަޖިން ކޮމެޓީގެ ކަންކަން ދެފުށް ފެންނަ ގޮތެއްގައި ފެންނާނެކަމަށެވެ.
އެގޮތުން މިއަހަރުގެ އެވޯޑަށް އެންމެ ފުރަތަމަ ވެސް ކޮމެޓީން ވަނީ ރަނގަޅު ސްކޯރިން ސިސްޓަމެއް ގާއިމްކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އެކި ކުޅިވަރު އެސޯސިއޭޝަންތަކާއި ބައްދަލުކޮށް ކުޅިވަރުތައް ގިންތިކުރުމުގެ މަސައްކަތް ކޮށްފައިވާނެކަމަށް ވެސް ނާފިއު ވިދާޅުވިއެވެ.
އަޅުގަނޑުމެން ބެލީ ކޮބާތޯ އަޅުގަނޑުމެންނަށް އެންމެ ގިނައިން ކާމިޔާބީ ލިބޭ ކުޅިވަރަކީ. ކޮބާތޯ ވަކި ކުޅިވަރުތަކުން އަޅުގަނޑުމެންނަށް ޕޯޑިއަމަކާ ހަމައަށް ދިޔުމަށް ފަސޭހަ ކުޅިވަރުތަކަކީ. މި ކަން ކަމަށް ބަލައި އަޅުގަނޑުން ޑިވެލޮޕްކުރީ ސްކޯރިން ސިސްޓަމެއް." ނާފިއު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ސްޕޯޓްސް އެވޯޑް ދޭން ކުޑަތަންވެފައިވަނިކޮށް އެ އެވޯޑުގެ ނޮމިނޭޝަން ލިސްޓަށް ބަދަލުއައިކަން ފާހަގަކޮށް ނާފިއު ބުނީ މިއަހަރު ވެސް ކުޅިވަރު އެސޯސިއޭޝަން ތަކާއި ޔޫތު މިނިސްޓްރީގެ ފަރާތުން އަންނަ ޝަކުވާތަކަށް ބެލުމަށްފަހު ނޮމިނޭޝަން ލިސްޓަށް ބަދަލުއައުން އެކަށީގެންވާކަމަށެވެ.
އެ ކޮމެޓީން އަބަދުވެސް އިސްކަންދޭނީ އެސޯސިއޭޝަންތަކަށާއި، މިނިސްޓްރީގެ ފަރާތުން އަންނަ ނަންތަކާއި އަންނަ ޝަކުވާތަކަށް ކަމަށެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ ޖަޖިން ކޮމިޓީގައި ހިމެނެނީ ކުރީގެ ބާސްކެޓު ކުޅުންތެރިޔާ އަބްދުލް ނާފިއު ތައުފީގާއި، ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއުއާއި، ފުޓްބޯޅަ މެޗު ކޮމިޝަނަރު އަހުމަދު ޝާހިރުއާއި ސްޕޯޓްސް ކައުންސިލްގެ މެންބަރު އާމިނަތު ނާޝިދާެގ އިތުރުން ކުރީގެ ފީފާ ރެފްރީ އަލީ ސަލީމްއެވެ.
ކުޅިވަރުގައި އެކި ގޮތްގޮތުން އުޅޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑު މިއަހަރު ދޭން ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގައެވެ.
އެ ވޯޑުގައި ހޮވާ ވަނަތަކުގެ ތެރޭގައި އެކި ކުޅިވަރުތަކުން އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ހޮވާނެއެވެ. އަދި އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ހޮވަން ހަމަޖެހިފައިވާއިރު އަހަރުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.