ގަވައިދާ ޚިލާފަށް ފުވައްމުލަކުން ރުއްގަސް ކަނޑާ މައްސަލަ ބޮޑުވެއްޖެ

ފުވައްމުލަކު ރިންގް ރޯޑު -- ފޮޓޯ/ އެމްޓީސީސީ

ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ސަރަހައްދުން ގަވައިދާ ޚިލާފަށް ރުއްގަސް ކަނޑާ މައްސަލަ ބޮޑުވެ ކައުންސިލްގެ ހުއްދައާ ނުލާ އެ ކަން ނުކުރުމަށް އެ ސިޓީގެ ކައުންސިލުން އިންޒާރު ދީފިއެވެ.

އެކި ބޭނުންތަަކަށް އެއްވެސް ހުއްދައެއް ނެތި ރަށުގެ ހޭޅިފަށާއި ގޮނޑުދޮށް ސަރަހައްދުން ރުއް ކަނޑާ މައްސަލައިގައި އެ ސިޓީގެ ކައުންސިލުން ވަނީ ބަޔާނެއް ވެސް މީގެ ކުރިން ނެރެފައެވެ.

މި މައްސަލައާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ފުވައްމުލަކު އިރުއުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު އަހްމަދު ވިދާޅުވީ އެ މައްސަލަ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ބައެއް ފަހަރު ފަަހަރު އާންމު ރައްޔިތުން ވެސް އަމިއްލަ ބޭނުންތަކަށް ރުއްގަސް އުފުރައި ކަނޑާކަން ފާހަގަވާކަމަށް ނާސިރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ތިން މަސް ދުވަހުގެ ތެރޭގައި މި ފަދަ މައްސަލަތައް ތަންކޮޅެއް ގިނަކަމަށް ފާހަގަކުރެވުނީ. ވަރަށް ފަހުން ވެސް އަޅުގަނޑުމެންގެ ކައުންސިލްގެ ހުއްދަ ނުހޯދައި ބައެއް ރުއްތަކާއި ގަސްތައް ކަނޑައިފައި ހުރީމާ އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މި ކަން ހަނދާންކޮށްދިނުން މުހިންމުކަމަށް،" ނާސިރު ވިދާޅުވިއެވެ.

މީގެ އިތުރުން މި ދަނޑިވަޅުގައި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޓީމެއް ވެސް ފުވައްމުލަކުގައި ހަރަކާތްތެރިވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އެ ޓީމުގެ ސަމާލުކަމަށް ވެސް އެ މައްސަލަ ގެނެސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެކި ފަރާތްތަކުން އެކި ބޭނުންތަކުގައި މި ނަގަނީ. ސީދާ ކޮން ކަމަކަށްކަމެއް ދަންނަވާކަށް ނޭނގޭ. މިސާލަކަށް ބައެއް ފަހަރު ލަކުޑީގެ ބޭނުމުގައި ވެސް ކަނޑާ، ރައްޔިތުންނަށް އުނދަގުލެއް ވެގެން ރުކެއް ކަނޑަން ޖެހިއްޖެނަމަ ގިނަ ފަހަރު އެ ކަން ކުރަން އެދެނީ ކައުންސިލުގައި،" އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ނާސިރު ވިދާޅުވީ ކައުންސިލްގެ ހުއްދައާއެކު، ގެއްލުން ކުޑަވާނެހެން ރަނގަޅު ގޮތުގައި ރުއް ގަސް ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެކަމުގެ ހުއްދަ ދިނުމަށް އާންމުންގެ އަތުން އަގެއް ނުނަގާނެކަމަށް ނާސިރު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ފުވައްމުލަކު ތަރައްގީކުރާއިރު ރަށުގެ ފެހިކަން ނުގެއްލޭ ގޮތަށް މަސައްކަތްކުރުމަށް ކައުންސިލުން ޚާއްސަ ސަމާލުކަމެއް ދޭކަމަށެވެ.

ރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާ ބެހޭ ގަވާއިދުގެ ދަށުން، ރަށުގެ ގޮނޑުދޮށުގައި، ރުކުން ނުވަތަ ގަހުން ފެށިގެން އެއްގަމަށް 20 މީޓަރު ފުޅާމިނުގެ ސަރަހައްދުގެ ތެރޭގައި ހެދިފައި ހުންނަ ހުރިހާ ބާވަތެއްގެ ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމަކީ މަނާ ކަމެކެވެ.

comment ކޮމެންޓް