މަރާމާތުކުރަން ފަށާފައިވާ މިސްކިތްތަކުގެ މަސައްކަތް ރަމަޟާން މަހަށް ނިމޭނެ ކަމަށާއި އެ މަސައްކަތަށް ޖުމުލަ އަށް މިލިއަން ރުފިޔާ ޚަރަދުވާކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
މާލެ ހިމެނޭހެން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ މިސްކިތްތަކާއި ވިލިމާލޭގެ މިސްކިތަތްތައް މަރާމާތު ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ވަނީ މީގެ ދެތިން މަސް ކުރިން ފަށާފައެވެ.
އެކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު "ސަން"އަށް ވިދާޅުވީ އެ މަޝްރޫއުގެ މައިގަނޑު މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ރޯދަ މަސް ފެށުމުގެ ކުރިން މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކި މިސްކިތްތަކުގައި ކުރިއަށް ދަނީ މަރާމާތުގެ އެކި މަސައްކަތްތައް. ކުދި އަދި ބޮޑެތި މަސައްކަތްތައް. އެކަމު ބޮޑެތި ހުރިހާ މަސައްކަތްތަކެއް މިހާރު ގާތްގަނޑަކަށް ނިމިއްޖެ. ދެން ހުރި މަސައްކަތްތައް ވެސް ރޯދަ މަހަށް ނިމޭނެ،" އޭނާ ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން މޭޔަރު ވިދާޅުވީ ވިލިމާލޭގައި އެންމެ މައްސަލަ ބޮޑުވި ބިއްރި މިސްކިތުގެ މަރާމާތުގެ މަސައްކަތް މުޅިހެން މިހާރު ނިމިފައިވާ ކަމަށެވެ. އަދި އާ މަރާމާތާއެކު ރޯދައަށް އެ މިސްކިތް ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އާސަހަރާ މިސްކިތުގެ ސީލިން މަރާމާތުކުރުމާއި ލައިޓުތައް ބަދަލުކުރުމުގެ އިތުރުން ފާރު މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މިސްކިތްތައް މަރާމާތު ކުރަމުން ގެންދަނީ “ޗާލު މިސްކިތް” ފަންޑުން ލިބުނު ފައިސާއިން ކަމަށްވާއިރު، އެ ފަންޑަށް ލިބުނު އެއް މިލިއަން ރުފިޔާ ހިމެނޭހެން މިސްކިތްތައް މަރާމާތު ކުރުމަށް އަށް މިލިއަން ރުފިޔާ ހޭދަވާކަމަށް މޭޔަރު ވިދާޅުވިއެވެ.
ޗާލު މިސްކިތް ފަންޑުން ލިބުނު އެއް މިލިއަން ނުލައި، ދެން ޚަރަދުވާ ހަތް މިލިއަން ރުފިޔާ އަކީ ކައުންސިލުގެ އަމިއްލަ ބަޖެޓުން ޚަރަދުކުރާ ފައިސާ ކަން މޭޔަރު ފާހަގަކުރެއްވިއެވެ.