ހޯރަފުށީ ސަލީމަށް ހާޓްއެޓޭކެއް ޖެހި، ފަރުވާ ދެނީ

ހޯރަފުށީ މުޙައްމަދު ސަލީމް-- ފޮޓޯ: ބަހުގެ އެކަޑަމީ

ކުރީގެ ނޫސްވެރިޔާ، އަދި ކުޅަދާނަ ލިޔުންތެރިޔާ ހޯރަފުށީ މުޙައްމަދު ސަލީމަށް ރޭ ހާޓްއެޓޭކެއް ޖެހި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

އާއިލާއިން "ސަން"އަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި ސަލީމަށް ރޭގެ ވަގުތެއްގައި ހާޓްއެޓޭކެއް ޖެހިގެން މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. އެނގިފައިވާ ގޮތުގައި ސަލީމްގެ ހާލު ސީރިއަސްއެވެ.

އެކަމަކު، އޭނާގެ ސިއްހީ ހާލަތާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ނޫސްވެރިކަމުގެ ތެރެއަށް މުޙައްމަދު ސަލީމު ވަދެވަޑައިގަތީ 1984 ވަނަ އަހަރުގައެވެ. ފުރަތަމަ މަސައްކަތް ކުރެއްވީ ރިޕޯޓަރެއްގެ ހަައިސިއްޔަތުން "އާފަތިސް" ނޫހުގައެވެ. އެ ނޫހުގައި ދެ އަހަރު އުޅުއްވުމަށް ފަހު، 1986 ވަނަ އަހަރު، ދެން ބަަދަލުވެވަޑައިގަތީ ދުވަހު ނޫސް "ހަވީރު"ގެ ރިޕޯޓަރަކަށެވެ. ދެހާސް ހަތް ވަނަ އަހަރު 'އިރު އޮބްޒާވާ' ނަމުގައި ސަން އޮންލައިން ފެށިއިރު އެ ކަމުގައި ވެސް ސަލީމް ވަނީ އިސްކޮށް އުޅުއްވައިފައެވެ.

ނޫސްވެރިކަމުގެ ގައުމީ އިނާމާއި ރާއްޖޭގެ ނޫސްވެރިކަމުގެ ރަން ޔޫބީލް ގަލަމާއި އަލިމަސް ގަލަން ވެސް، އޭނާއަށް ލިބިވަޑައިގަތެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޅެންވެރިންގެ ތެރޭގައި ހިމެނޭ ހޯރަފުށީ އާދަމް ސަލީމްގެ ބޭފުޅެއް ކަމަށްވާ ސަލީމަކީ، މި ފަހުގެ ތާރީހެއްގައި ރާއްޖެ ދުށް އެންމެ ކުޅަދާނަ އެއް ވާހަކަދެއްކުންތެރިޔާއެވެ. ނޫސްވެރިކަމަށް ފަހު އޭނާ މަސައްކަތް ކުރައްވަނީ ދިވެހި ބަހުގެ ޓީޗަރެއްގެ ގޮތުގައެވެ.

comment ކޮމެންޓް