ލެކްމޭ ފެޝަންވީކްގެ ގްރޭންޑް ފިނާލޭގައި ގިނަ ބައެއްގެ ސަމާލުކަން އަނަންޔާއާއި އަދިތުޔާއަށް

އިންޑިއާގެ މުމްބާއީގައި މިދިޔަ ހަފުތާގައި ފެށި ލެކްމޭ ފެޝަން ޝޯއިން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ތަރިންތަކެއްވަނީ ފެނިފައެވެ. އޭގެތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތްރާގެ ޝޯވްސްޓޮޕާގެ ގޮތުގައި ފެނިގެންދިޔަ ޖޯޑަށެވެ.

ލޯބިވެރިންކަމަށް އަޑުއަރާފައިވާ ބަތަލާ އަނަންޔާ ޕާންޑޭއާއި އެކްޓަރު އަދިތްޔަ ރޯއި ކަޕޫރު އެކީގައި ފުރަތަމަ ފަހަރަށް އެހާ ހާމަކަން ބޮޑު ގޮތެއްގައި ފެނުމުން ގިނަބަޔަކަށް ހައިރާންކަން ލިބުނެވެ. ސަބަބަކީ އަނަންޔާއާއި އަދިތްޔާގެ ލޯބީގެ ގުޅުމުގެ އަޑު ތިލަވުމާއެކު ދެ ތަރިން އެކީގައި އެއްވެސްވަރަކަށް ފެނިފައިނުވާތީއެވެ. އަދި އަނަންޔާ ދާ އިވެންޓްތަކަށާއި ޕާޓީތަކަށްވެސް ދެ ތަރިން ގޮސްފައިވަނީވެސް ވަކިވަކީންނެވެ.

މިދިޔަ އަހަރު އިންޑިއާގައި ފާހަގަކުރި ދިވާލީ ހަފުލާއެއްގެ ތެރެއިން މީޑިއާއަށް ތިލަވި ފޮޓޯއެއްގައި އަނަންޔާއާއި އަދިތުޔަ އެކީގައި ވަރަށް ފުން ވާހަކައަކަށް ގެއްލިފައިވާ މަންޒަރު ފެނުމާއެކު ދެ ތަރިންގެ ދެމެދުގައި ޚާއްޞަ ގުޅުމެއްވާކަމަށް މީޑިއާއިންވަނީ ޝައްކުކޮށްފައެވެ. ނަމަވެސް މިހާތަނަށްވެސް މި ގުޅުމާބެހޭގޮތުން ދެ ތަރިންކުރެ އެއްވެސް ތަރިއަކު ވާހަކަދައްކާފައެއް ނުވެއެވެ.

މީޑިއާއިން ސުވާލު ކުރިމަތިކުރުވި ނަމަވެސް ދެ ތަރިންގެ ގުޅުމަށް އިންކާރުކޮށްފައެއްވެސް ނުވެއެވެ. އަދިތުޔާއާއި އަނަންޔާ ޕާންޑޭ ރޭ ފެނިފައި ވަނީ ޑިޒައިނާ މަނީޝް މަލްހޯތްރާގެ ގްރޭންޑް ފިނާލޭ ޝޯގެ ޝޯސްޓޮޕާގެ ގޮތުގައެވެ. މީޑިއާގެ އިތުރުން ދެ ތަރިންނަށް ތަރުހީބުދޭ ފަރާތްތަކުން ބުނެފައިވަނީ މިފެނިލުމަކީ، ދެ މީހުންގެ ގުޅުން ޢާއްމުންނަށް ރަސްމީކޮށްލުމުގެ އިޝާރާތެއްކަމަށެވެ.

މިމަހުގެ ނުވަވަނަ ދުވަހު ފެށުނު ލެކްމޭފެޝަން ވީކްގެ ޝޯތަކުން ފެނިގެންދިޔަ ބަތަލާއިންގެ ތެރޭގައި ދާދިފަހުން ހާޓް އެޓޭކެއްޖެހި ފަރުވާ ހޯދާފައިވާ ބަތަލާ ސުޝްމިތާ ސެން ހިމެނެއެވެ. މީގެ އިތުރުން ކުރީގެ ފިލްމީ ބަތަލާ ޒީނަތް އަމަންވެސްވަނީ ސްޓޭޖްމަތީގައި ފަރި ޙަރަކާތްތަކާއެކު މޮޑެލްކޮށްފައެވެ. އިތުރު ބަތަލާއިންގެތެރޭގައި، އަރަމުން އަންނަ ބަތަލާއިންކަމަށްވާ ސާރާ ޢަލީ ޚާން، ޝަނާޔާ ކަޕޫރު، ސޮނާކްޝީ ސިންހާ، ކަރިޝްމާ ކަޕޫރު، ޕަރިނީތީ ޗޯޕްރާ، ޑަޔާނާ ޕެންޓީ އަދި ބަތަލާ އަތިޔާ ޝެޓީގެ އިތުރުން ފިލްމީ ދާއިރާގެ އެކި މަސައްކަތްތައްކުރާ ފަންނާނުން ހިމެނެއެވެ.

comment ކޮމެންޓް