ވިޖޭއާ އޮތް ގުޅުމާ ބެހޭ ގޮތުން ތަމަންނާ ބާޓިއާ ފުރަތަމަ ފަހަރަކަށް ވާހަކަ ދައްކައިފި

ބަތަލާ ތަމަންނާ ބާޓިއާ އާއި އެކްޓަރު ވިޖޭ ވަރުމާ --

ބޮލީވުޑްގެ ލޯބިވެރިންގެ ލިސްޓަށް ދާދިފަހުން އިތުރުވި ދެ ތަރިންކަމަށްވާ ބަތަލާ ތަމަންނާ ބާޓިއާ އާއި އެކްޓަރު ވިޖޭ ވަރުމާގެ ގުޅުމުގެ ވާހަކަ ދޭތެރެ ދޭތެރެއިން އިންޑިއާގެ ނޫސްތަކަށް އަރައެވެ.

ޚާއްޞަކޮށް އާއަހަރު ފެށުމާ ގުޅިގެން އިންޑިއާގެ ގޯއާގައި ކުރިޔަށްދިޔަ ޕާޓީއެއްގެ ތެރޭގައި ދެ ތަރިން ގައިގޯޅިކަމާއެކު އުޅުނު މަންޒަރުތަކުގެ ފޮޓޯތައް ނޫސްވެރިންނަށް ލިބުމާއެކު އިންޑިއާގެ ޕަޕަރާޒީންގެ ގިނަ ބަޔަކު ފާރަލަމުންދިޔައީ ދެ ތަރިން އެކީގައި ފެނޭތޯއެވެ.

ދާދިފަހުން އިންޑިއާގެ ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ސައުތު ސިނަމާގެ މަގުބޫލު ބަތަލާ ތަމަންނާ ބުނެފައިވަނީ އެކްޓަރު ވިޖޭއާއެކު ދާދިފަހުން ފިލްމެއްގެ މަސައްކަތްކޮށްފައިވާކަމަށެވެ. އެފިލްމުގައި ދެމީހުން މަސައްކަތްކުރުމުގެ ތެރޭގައި އުފެދުނު ގާތް ރަހުމަތްތެރިކަމާއެކު ލޯބިވެރިންގެ ޓެގު ދެ ތަރިންގެ ނަމުގައިވެސް އެޅުވުނީކަމަށް އޭނާ ބުންޏެވެ. އަދި ބަޔަކު މީހުން ފަތުރާ މިފަދަ ހަގީގަތެއް ނެތް ވާހަކަތައް އޮޅުން ފިލުވައިދީ އޭގެ ހަގީގަތް އާންމުންނަށް ކިޔައިދޭން ބޭނުންނުވާ ކަމަށާއި އެކަމުގެ ބޭނުމެއްވެސް ނެތްކަމަށް އޭނާ ބުންޏެވެ.

ވިޖޭއާއެކު ތަމަންނާގެ ލޯބީގެ ގުޅުމެއްވާކަމުގެ އަޑު ފެތުރުމުގެ ކުރިން މަޝްހޫރު ވިޔަފާރިވެރިޔަކާ އޭނާ ކައިވެނިކުރަން ނިންމާފައިވާކަމުގެ ޚަބަރުތަކެއް ވެސް ވަނީ ފެތުރިފައެވެ. އެދުވަސްކޮޅު ތަމަންނާވަނީ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް އެޚަބަރުތައް ދޮގުކޮށްފައެވެ.

ތަމަންނާ ބުނެފައިވަނީ، ފިލްމީ ދާއިރާގައި މަސައްކަތްކުރާ ބަތަލާއިންގެ ތެރެއިން ގިނަބަޔަކު ހަގީގީ ކައިވެނީގެ ގުޅުމަށް ދިއުމުގެ ކުރިން އެމީހުންގެ ކައިވެނީގެ ވާހަކަ ނޫސްތަކަށް ނާރާ ދުވަހެއް މަދުކަމަށެވެ. އަދި ޒާތީ ދިރިއުޅުމުގެ ވާހަކަ އެއްވެސް ހަގީގަތެއް ނެތި، ޚަބަރުގެގޮތުގައި ގެނެސްދޭ ކަމަށާއި މީޑިއާއިން އޭނާގެ ކައިވެނިކޮށްދިން އަދަދު ބުނަންވެސް ނޭނގޭކަމަށް "ބާހޫބަލީ"ގެ ބަތަލާވަނީ ބުނެފައެވެ. ނޫސްވެރިން މިފަދަ ޚަބަރުތައް ފަތުރާ ސަބަބު އެއްގޮތަކަށްވެސް ނުވިސްނޭކަމަށް ތަމަންނާވަނީ ބުނެފައެވެ.

އެހެންނަމަވެސް ތަމަންނާއާއި ވިޖޭގެ ދެމެދުގައި އެކުވެރިކަމަށްވުރެ ގާތް ގުޅުމެއް އޮންނަކަމަށް ދެ ތަރިންގެވެސް ގާތް ފަރާތަކުން މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއަށް މަޢުލޫމާތު ދީފައިވާކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. އަދި ދެ ތަރިންވެސް ބޭނުންވަނީ މިވަގުތަށް ދެ މީހުންގެ ގުޅުން ސިއްރުކޮށްފައި ބޭއްވުމަށްކަމަށާއި ދެ ތަރިންވެސް އުޅެނީ އުފަލުގައިކަމަށް އެފަރާތުން ޕިންކްވިލާއާ ހިއްސާކޮށްފައިވެއެވެ.

އެ ދެ ތަރިން އެންމެ ފުރަތަމަ ބައްދަލުވީ ސުޖޯއި ގޯޝް އުފައްދާ، އަދި ވަކި ނަމެއް ހަމަޖެހިފައި ނުވާ ފިލްމެއްގެ ސެޓުންނެވެ. ތަމަންނާގެ ލޯބިވެރިޔާކަމަށް ބުނާ އެކްޓަރު ވިޖޭ އެންމެފަހުން ފެނުނީ ބަތަލާ އާލިއާ ބަޓްގެ ފިލްމު ކުންފުނިން އުފެއްދި ފުރަތަމަ ފިލްމު "ޑާލިންގްސް"އިންނެވެ.

comment ކޮމެންޓް