ޝާހުރުކްގެ ތަމަޅަ ފިލްމަށް ސަންޖޭ ދަތު

ސައުތު ސިނަމާގެ ތަރިންތަކެއް ހިމަނައިގެން އެ ސިނަމާގެ ޑައިރެކްޓަރު އަތުލީ އުފައްދާ ފިލްމު "ޖަވާން"ގެ ރޯލަކަށް އެކްޓަރު ސަންޖޭ ދަތު ސޮއިކޮށްފިއެވެ.

އެ ފިލްމަކީ، ސައުތު ސިނަމާގެ ތަރިންނާއެކު ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން ލީޑް ރޯލުން ފެންނަ އެކްޝަން ފިލްމެކެވެ. ސަންޖޭ ދަތު ފިލްމުގައި ފެންނަ ރޯލް ކުޑަ ނަމަވެސް މިއީ ފިލްމަށް ވަރަށް މުހިއްމު ރޯލެއްކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ. އަދި ޝާހްރުކް އާއެކު ސަންޖޭ ކުޅޭ ސީންއަށް އެންމެ ފުރަތަމަ ހޮވާފައިވަނީ ސައުތު އެކްޓަރު އައްލޫ އަރުޖުންކަމަށްވެސް އެ ޓީމުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އައްލޫ އަރުޖުންއަށް ފިލްމަށް ވަގުތު ދެވެން ނެތުމުން އޭނާ އެ ރޯލް ދޫކޮށްލީއެވެ.

މީގެ ކުރިން ވެސް ސަންޖޭ ދަތުވަނީ ޝާހުގެ ބައެއް ފިލްމުތަކުގައި ޚާއްޞަ ފެނިލުންތަކުން ފެނިފައެވެ. އޭގެތެރޭގައި، ފިލްމު "އޯމް ޝާންތީ އޯމް" އާއި "ރާ-ވަން" ހިމެނެއެވެ. ފިލްމު "ޖަވާން"ގެ ޚާއްޞަ ފެނިލުމަށް ސަންޖޭ އެއްބަސްވެފައިވާއިރު ވަރަށް އަވަހަށް މިސީންގެ ޝޫޓިން މުމްބާއީގައި ފެށުމަށްވަނީ ހަމަޖެހިފައެވެ.

މިވަގުތު ސަންޖޭ ދަތު ހުރީ އެހެން ތަމަޅަ ފިލްމެއްގެ ޝޫޓިންގެ މަސައްކަތުގައި ކަޝްމީރުގައެވެ. އެއީ ތަމަޅަ އެކްޓަރު ތަލާޕަތީ ވިޖޭ މުހިއްމު ރޯލަކުން ފެންނަ ފިލްމު "ލިއޯ"އެވެ.

އަތުލީ ޑައިރެކްޓްކުރާ ފިލްމު "ޖަވާން"ގެ ނުބައިބައި ރޯލުން ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ ފެންނައިރު ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ ނަޔަންތާރާއެވެ.

ނަޔަންތާރާއަކީ ތަމަޅަ ފިލްމުތަކަށް ލޯބިކުރާ މީހުންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ބަތަލާއެކެވެ. މިތަރިންނާއެކު އެކްޓަރު ސަންޖޭ ދަތު ފިލްމުން ފެނުމަކީ މިފިލްމު ބެލުމަށް ބެލުންތެރިން ޝައުޤުވެރިވާނެ ސަބަބަކަށްވާނެއެވެ. ސަންޖޭ ދަތު އެންމެފަހުން ފެނުނީ ބޮޑު ކާމިޔާބީއެއް ހޯދި ފްރެންޗައިޒް "ކޭޖީ.އެފް"ގެ އެންމެ ފަހު ބައިންނެވެ.

comment ކޮމެންޓް