މިހާރު ކުރިއަށްދާ އިންޑިއަން ވެލްސް ޓެނިސް މުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް އިނގިރޭސިވިލާތުގެ އެންޑީ މަރޭ ހޯދައިފިއެވެ.
މުބާރާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް އެންޑީ މަރޭ ހޯދާފައިވަނީ ދެވަނަ ބުރުގައި މޯލްޑޯވާގެ ރާޑޫ އަލްބޮޓްއާ ދެކޮޅަށް ކުޅުނު މެޗް ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. މެޗްގެ ފުރަތަމަ ސެޓް 4-6 ގެ ނަތީޖާއިން މަރޭ ގެންދިޔައިރު، ދެވަނަ ސެޓް މަރޭ ގެންގޮސްފައިވަނީ ވަރަށް ފަސޭހަކަމާއިއެކު 3-6 ގެ ނަތީޖާއިންނެވެ.
ދެވަނަ ބުރުގެ މެޗް މަރޭ ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ފަހުން މުބާރާތުގެ ދެވަނަ ބުރުން މިހާ ފަސޭހަކޮށް މަރޭ ސަލާމަތްވި ފުރަތަމަ ފަހަރެވެ.
އިންޑިއަން ވެލްސް ޓެނިސް މުބާރާތުގެ ތިންވަނަ ބުރުގައި އެންޑީ މަރޭ ނިކުންނާނީ އަމިއްލަ ޤައުމުގެ ޖެކް ޑްރެޕާއާ ދެކޮޅަށެވެ.
ޑްރެޕާ ދެކޮޅަށް ނިކުންނަ މެޗަށް އިޝާރާތްކޮށް މަރޭ ބުނީ، ޑްރެޕާ އަކީ މި މުބާރާތުގައި އެ ކުޅުންތެރިއެއްގެ ފަރާތުން އެންމެ އުނދަގޫ ޗެލެންޖެއް ކުރިމަތިވާނޭ ކުޅުންތެރިޔާ ކަމަށެވެ. މިގޮތުން އޭނާއަކީ މި މުބާރާތުގައި އެންމެ ވާދަވެރި ކުޅުންތެރިޔާކަން މަރޭ ފާހަގަކުރިއެވެ.
އުމުރުން 35 އަހަރުގެ އެންޑީ މަރޭ މިހާރު ދުނިޔޭގެ ރޭންކިންގެ 55 ވަނައިގަ އޮތްނަމަވެސް އޭނާ އަކީ 2016 ވަނަ އަހަރު ދުނިޔޭގެ ރޭންކިންގެ އެންމެ އުހުގައި އޮތް ކުޅުންތެރިޔާއެވެ.
އަނިޔާގެ މައްސަލަތަކާއި ހެދި މަރޭއަށް ވަރަށް ގިނަ ގްރޭންޑް ސްލޭމް މުބާރާތްތަކުގެ ފައިނަލް މެޗްތައް ގެއްލުނު ނަމަވެސް، އަދިވެސް އޭނާ އަކީ އިނގިރޭސިވިލާތުގައި އުފެދުނު އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާއެވެ.