އާގަލާ ބޯޓުން ގެއްލުނު އިންޑިއާގެ ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

އާގަލާ ބޯޓުގައި އަލިފާން ރޯވެފައި-- ފޮޓޯ/ އެމްއެންޑީއެފް

އާގަލާ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު މީހާ ފެނިފައިނުވާ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް މިހާރު ހުއްޓާލާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ދެކުނުގެ ބައެއް ރަށްތަކާއި މާލެއާ ދެމެދު މުދާ އުފުލާ ބޯޓެއް ކަމަށްވާ އައްޑޫ ސިޓީ ހިތަދޫ އާގަލާ ބޯޓުގައި ރޯވި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 2:37 ހާއިރެވެ. އެނގިފައިވާ ގޮތުގައި އެ ބޯޓުގައި އެންމެ ފުރަތަމަ ރޯވީ އިންޖީން ރޫމުގައެވެ.

މި ހާދިސާ ހިނގިއިރު ފަސް ފަސިންޖަރުން ހިމެނޭހެން ބޯޓުގައި ތިބި 15 މީހުން ވަނީ ވަގުތުން ކަނޑަށް ފުއްމާލާފައެވެ. ކަނޑަށް ފުއްމާލި 14 މީހަކު ސަލާމަތްކުރެވިފައިވާއިރު، މިހާތަނަށް ފެނިފައި ނުވަނީ ބޯޓުން ގެއްލުނު އިންޑިއާގެ ފަޅުވެރިޔެކެވެ.

އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލީ އިއްޔެއެވެ.

ގެއްލުނު މީހާ ހޯދަން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު މިދިޔަ އަންގާރަ ދުވަހު ދެމުން އެމްއެންޑީއެފުން މީޑީއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގެއްލިފައިވާ ފަޅުވެރިޔާ ފަޅުވެރިޔާ ހޯދަން ކަނޑާއި ވައިގެ މަގުން 332.35 އަކަމޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

މި ހާދިސާގައި ސަލާމަތް ކުރެވުނު 14 މީހުން، މިދިޔަ ހޯމަ ދުވަހު ގެންދިޔައީ މ. މުލީ ހޮސްޕިޓަލަށެވެ. އެފަހުން އެ މީހުންގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް ތަފުސީލެއް މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ މިކަމުގެ އެންމެ ފަހުގެ މައުލޫމާތު މިއަދު ހިއްސާކުރާނެ ކަމަށެވެ.

comment ކޮމެންޓް