އަމީނީ މަގު ރަނގަޅަށް ހެދިއްޖެ ނަމަ، ފެންބޮޑުވުން ހައްލުވާނެ

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހަައްޔާން

ސަރުކާރުން މިހާރު އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއު އެންމެ ރަނގަޅަށް ކުރިއަށް ގެންގޮސްފިނަމަ، މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ މުޅިންހެން ހައްލުވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަމީނީ މަގުގެ މަޝްރޫއު ކުރިއަށް ދާ ގޮތާ ގުޅޭ ގޮތުން 'ސަން'އާ ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް އެންމެ މުހިއްމީ ޒަމާނީ ފެންވަރެއްގައި ރަނގަޅު ކޮލިޓީއެއްގައި އަމީނީ މަގު ތަރައްގީ ކުރުން ކަމަށެވެ. ހަތް އަހަރު ވަންދެން ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ގަބޫލުކުރައްވާ ގޮތުގައި އަމީނީ މަގު ތަރައްގީ ކުރުމުން މާލޭގައި ފެންބޮޑުވުމުގެ މައްސަލަ މުޅިންހެން ހައްލުވާނެއެވެ.

އަމީނީ މަގުގެ ފުރަތަމަ ތިން ސެގްމެންޓުގައި ތާރު އަޅާ، މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ. އެކަމަކު، އެ ސަރަހައްދުގައި ފެން ބޮޑުވާ ކަމުގެ ޝަކުވާތައް އާންމުންގެ ފަރާތުން ވަނީ އައިސްފައެވެ. މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާ ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ވަނީ އެ މަގުގައި ފެން ބޮޑުވަނީ އެއްކޮށް ހަދާ ނުނިމޭތީ ކަމަށް ބުނެފައެވެ.

"އަމީނީ މަގު، ސްޓޯމް ވޯޓާ ނިޒާމާ އެއްޗެހި ރަނގަޅަށް ލެވިގެން ރަނގަޅަށް ހެދިއްޖެއްޔާ ވަރަށް ބޮޑުބައި ހައްލުވީ." މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައާ ގުޅުވާ މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލޭގެ އަޑިވުމާ އެ ކަންކަން އޮންނަ ގޮތުން އެންމެ ބޮޑަށް ފެން ބޮޑުވަނީ އެ މަގުގައި ކަމަށެވެ. އެހެންވެ، އެ މަގު ޒަމާނީ ފެންވަރެއްގައި ތަރައްގީ ކުރުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މާލޭ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާަ

މުއިއްޒު ވިދާޅުވީ އަމީނީ މަގުގެ އިތުރުން، ކަނބައި އައިސަރާނި ހިނގުމާއި ބުރުޒު މަގާއި ޝަހީދު އަލީ ހިނގުން ފަދަ މަގުތައް ވެސް އަމީނީ މަގާ އެކު ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. އެގޮތަށް ފާހަގަކޮށްލެވޭ ބައެއް މަގުތައް ހައްލުކުރުން ވެގެންދާނީ މާލޭގެ ފެން ބޮޑުވުމުގެ މައްސަލައަށް އޮތް ހައްލު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ވަރަށް ގިނަ ދުވަސް މަތިން ބޮޑުވަމުން އައި މައްސަލައެއް، އެހެންވީމާ ވަރަށް ޕްލޭން ކުރެވިގެން ދާން ޖެހޭނީ. އެންމެ ބޮޑަށް ފެން ބޮޑުވާ ދިމަދިމާލަށް ވިސްނައިގެން އެތެރޭގެ މަގުތައް ވެސް ހަދަން ޖެހޭނީ،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އަމީނީ މަގުގެ ޑިޒައިނާ މެދު ކަންބޮޑުވުން އެބަހުރި ކަމަށާއި ހާއްސަކޮށް މީހުން ހިނގަން އޮންނަ ބައި ބޮޑުކޮށްފައި، ދުއްވާ ބައި ކުޑަ ކުރުމަކީ ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އެ މަޝްރޫއު ލަސްވެ، އެ މަގު ބަންދުވެފައި އޮތުމުގެ ކަންބޮޑުވުން އޭނާ ފާޅު ކުރެއްވިއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހަައްޔާން

އެކަމަކު، މިހާރު އަމީނީ މަގުގެ މަޝްރޫއު ކުރިއަށް ދާ ދުވެއްޔާ މެދު ހިތްހަމަޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އެ މަގުގެ އަމަލީ މަސައްކަތް ކުރާ ބާރު ސްޕީޑް އެއީ މީގެ ހަތް މަސް ކުރިން އަންނަން ވީ އާޖަންސީ އެކޭ، އެ ސްޕީޑާ އެ ރިސޯސަސް އެ ތަނަށް ގެނައުމާއި މަސައްކަތަށް ދޭންވި ސަމާލުކަމަކީ މިއަދު އެކަނި ވާންވި ކަމެއް ނޫނޭ. އެންމެ ކުރިން ވެސް އެގޮތަށޭ މަސައްކަތް ފެށެން ޖެހޭނީ." އޭނާ ވިދާޅުވިއެވެ.

އަމީނީ މަގުގެ ޑިޒައިނާ މެދު ކަންބޮޑުވުން ބޮޑު ނަމަވެސް މުއިއްޒު ވަނީ މިހާރު އެ މަގުގެ މަޝްރޫއު ކުރިއަށް ދާ ގޮތާ މެދު ހިތްހަމަ ޖެހޭކަން ފާހަގަކުރައްވައި މަރުޚަބާ ދަންނަވައިފައެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވަނީ އެ މަގު ތަރައްގީ ކުރާނީ ސްޓޯލް ވޯޓާ މެނޭޖްމަންޓް ސިސްޓަމަކާ އެކު ކަމަށް ވިދާޅުވެފައެވެ. އަދި، އެ މަޝްރޫއު ނިމިގެން ދާއިރު ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.

އަމީނީމަގުގަ ތާރުއެޅުން -- ފޮޓޯ/އެމްޓީސީސީ

އަމީނީމަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. ޕްލޭނިން މިނިސްޓްރީއާއި އާރުޑީސީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެއްގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަސައްކަތް ހަވާލުކުރީ 10 މަސް ތެރޭގައި ނިންމާ ގޮތަށެވެ.

comment ކޮމެންޓް