އެސްޑީއެފްއަށް ދެ މަހުން 163 މިލިއަން ރުފިޔާ ޖަމާކޮށްފި

ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސަރުކާރުން ނަގާ ލޯނުތަކަށް އަނބުރާ ދައްކަން އުފެއްދި ސޮވަރިން ޑެވެލޮޕްމެންޓް ފަންޑު (އެސްޑީއެފް)އަށް ދެ މަސް ތެރޭ 163 މިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.

އެސްޑީއެފް އަކީ ކުރީ ސަރުކާރުން އުފެއްދި ފަންޑެކެވެ. މި ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގެ އިތުރުން އިގުތިސާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި އުފެއްދި ފަންޑެކެވެ.

އެސްޑީއެފްއަށް މި އަހަރު 870 މިލިއަން ރުފިޔާ ޖަމާކުރަން ބަޖެޓުގައި ކަނޑައެޅިއެވެ. އަދި މިހާތަނަށް އޭގެ 18 އިންސައްތަ ޖަމާކުރިއިރު، މިދިޔަ އަހަރުގެ ނިޔަލަށް އެ ފަންޑަށް 820 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.

އެގޮތުން ޖުމްލަ ގޮތެއްގައި މި އަހަރުގެ ޖެނުއަރީގެ ނިޔަލަށް އެސްޑީއެފްއަށް ވަނީ 6.4 ބިލިއަން ރުފިޔާ ޖަމާކޮށްފައެވެ.

މި ފައިސާގެ ތެރެއިން ގާތްގަނޑަކަށް 70 އިންސައްތަ ސަރުކާރުން މިހާރު އިންވެސްޓްކުރަނީ ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓީބިލުތަކަށެވެ. އަދި މީގެ ބައެއް ފައިސާ ބޭންކުތަކުގައި ފިކްސް ޑެޕޮސިޓްގެ ގޮތުގައި ވެސް އިންވެސްޓް ކުރެއެވެ.

comment ކޮމެންޓް