އެހީ ބޭނުންވާ 300 އާއިލާއަށް އެހީވުމުގެ ފުރުސަތު މަމްސް އިން ހުޅުވާލައިފި

ކުރިއަށް އޮތް ރޯދަ މަހަށް އެހީތެރިކަން ބޭނުންވެގެން ރަޖިސްޓްރީ ކޮށްފައިވާ 300 އާއިލާއަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު "މަމްސް އެއިޑް" ޖަމިއްޔާއިން ހުޅުވާލައިފިއެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި، ރޯދަ މަހު ކާބޯތަކެތި ފޯރުކޮށްދިނުމަށް މަމްސް އެއިޑްގެ 'ކެއާ ލިސްޓު' ގައި ރަޖިސްޓްރީ ކޮށްފައިވަނީ އެކަނިވެރި މައިންނާއި ބަފައިން، ޔަތީމު ކުދިން، ނުކުޅެދުންތެރިކަން ހުންނަ ކުދިން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުން ތިބޭ އާއިލާތަކުންނެވެ.

އެހީ ދިނުމުގެ މި ޕެކޭޖްތައް ބަހާލާފައި ވަނީ ހަތަރު ބަޔަކަށެވެ.

މިއިން ކޮންމެ ޕެކޭޖަކުން ވެސް އާއިލާތަކުން ރޯދަ ވީއްލުމަށް އެހީ ފޯރުކޮށްދެވޭނެއެވެ.

މި ޕެކޭޖްތަކަކީ:

  • ތިން ދުވަހުގެ ރޯދަ ވީއްލުން - 300ރ
  • ފަސް ދުވަހުގެ ރޯދަ ވީއްލުމަށް - 500ރ
  • ތިން މެމްބަރުން ހިމެނޭ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށްދިނުމަށް - 1،000ރ
  • ފަސް މެމްބަރުން ހިމެނޭ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށްދިނުމަށް - 1،500ރ

ރޯދަ މަހު އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އެހީ ފޯރުކޮށްދިނުމަށް ފައިސާ ޖަމާކުރަން ޖެހެނީ މަމްސް އެއިޑްގެ ރުފިޔާ އެކައުންޓް 7730000294482 އަދި ޑޮލަރު އެކައުންޓު 7730000294483 އަށެވެ.

މަންމައިންގެ ކުރިއެރުމަށް މަސައްކަތް ކުރާ 'މަމްސް' ޖަމިއްޔާއިން މީގެ ކުރިން ވެސް ވަނީ މި ފަދަ ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން، އެކަނި އުޅޭ ނިކަމެތި ތިން އާއިލާއަކަށް ގެއެއް އަޅައިދީ، އެމީހުންނަށް ހިތްފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތް ހަމަޖައްސައި ދީފައިވެއެވެ.

comment ކޮމެންޓް