އެސްއެސްޓީވީގެ ޤުރުއާން މުބާރާތަށް ބޮޑު ތަރުހީބެއް

ކީރިތި ޤުރްއާން--

ސަން ސިޔާމް މީޑިއާގެ 'އެސްއެސްޓީވީ'ން މި ރޯދަމަހާ ދިމާކޮށް ބާއްވަން އިއުލާނުކޮށްފައިވާ 'ހައްޤުލް ޔަޤީން' ޤުރުއާން މުބާރާތައް ވަރަށް ބޮޑު ތަރުޚީބެއް ލިބެމުން އަންނަ ކަމަށް ސީނިއާ ޕްރޮޑިއުސަރު އައިމިނަތު ހައިފާ ވިދާޅުވެއްޖެއެވެ.

ރަށުގައި ތިބެގެން ބައިވެރިވެވޭ، 'ހައްޤުލް ޔަޤީން' ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ ނުވައެއްގައެވެ.

ބޮޑެތި ފައިސާގެ އިނާމުތަކާ އެކު ރަށުގައި ތިބެގެން ބައިވެރިވޭ މި ޤުރުއާން މުބާރާތާ ގުޅިގެން ހައިފާ ވިދާޅުވީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ބުރާސްފަތި ދުވަހު ހުޅުވާލުމަށް ފަހު، މިއަދާ ހަމައަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި ވެސް ވަރަށް ގިނަ ކުދިން އެކި ރަށްރަށުން މި މުބާރާތުގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހައްޤުލް ޔަޤީން' ޤުރުއާން މުބާރާތައް މިހާތަނަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައި. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ކުދިންނެއް އަންނަނީ މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅު ކުރަމުން،" އޭނާ ވިދާޅުވިއެވެ.

ހައިފާ ވިދާޅުވީ މި މުބާރާތް ކާމިޔާބުވާނެ ކަމުގެ ބޮޑު އުންމީދެއް މިހާރު ވެސް އެބައޮތް ކަމަށާއި މި މުބާރާތުގެ ޒަރިއްޔާއިން ރަށްރަށުގައި ތިބި ރީތިކޮށް ޤުރުއާން ކިޔަވާ ކުދިންނަށް ފަހި ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

https://sun.mv/174932

"މި ޤުރުއާން މުބާރާތުން، ހާއްްސަކޮށް ރަށްރަށުގައި ތިބި ރީތިކޮށް ޤުރުއާން ކިޔަވާ ކުދިންނަށް ވަރަށް ފަހި ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ގަބޫލު ކުރަން. ކުރިއަށް އޮތް ތަނުގައި ވެސް އެސްއެސްޓީވީން މި ފަދަ އިތުރު އެތައް ކަންކަމެއް ކުރިއަށް ގެންދާނެ. އަޅުގަނޑުމެންގެ އެންމެ މުހިއްމު މަގުސަދަކީ ރަށްރަށުގައި ތިބި ކުދިން ވެސް ބާކީ ނުވާނެ ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުން." އޭނާ ވިދާޅުވިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހަތް އަހަރުން ދަށާއި ނުވަ އަހަރުން ދަށާއި 11 އަހަރުން ދަށުގެ އުމުރު ފުރާގެ އިތުރުން 13 އަހަރުން ދަށުގެ އުމުރުފުރާއަށް ވަނީ ހުޅުވާލައިފައެވެ. މިބާރާތުގެ ބައިވެރިން ޖެހޭނީ ހަ ފޮޅުވަތަށް ވުރެ ދިގުނޫން ކިޔެވުން ރެކޯޑުކޮށްފައި އެސްއެސްޓީވީއަށް ފޮނުވާށެވެ.

މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި އެސްއެމްއެސް ކުރާނީ ތިރީގައިވާ ފޯމެޓަށް 2747 ނަމްބަރަށެވެ.

SMS: HY (Name, Age, Rashuge nan) send to 2747

ހައިފާ ވިދާޅުވީ މި މުބާރާތުގެ އެއްވަނައަށް ދާ ކުއްޖަކަށް 25،000 ރުފިޔާ، ދެވަނައަށް ދާ ކުއްޖަކަށް 15،000 ރުފިޔާ އަދި ތިންވަނައަށް ދާ ކުއްޖަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ކަނޑައަޅައިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި މުބާރާތަށް ވީޑިއޯ ފޮނުވާ ފަރާތްތަކުން ވީހާ ވެސް ކޮލިޓީ ރަނގަޅު އޯޑިއޯ އަދި ވީޑިއޯ ފޮނުވަން އެދޭ ކަމަށެވެ. އެއަށް ފަހު އެ މުބާރާތަށް އިންސާފު ކުރުމަށް ފަހު ވަނަތައް ހޮވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުބާރާތުގެ ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ މާރިޗު މަހުގެ 15 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00އަށެވެ.

comment ކޮމެންޓް