ޤުރުއާނަށް އަމަލުކުރުން މިއަދު އުނދަގޫ ކަމަކަށްވެއްޖެ: ޚުތުބާ

އިސްލާމިކް މަރުކަޒުގައި ހުކުރު ނަމާދު ކުރުން: ޚުތުބާ އަޑުއެހުމަށާއި ނަމާދު ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އިސްލާމީ މަރުކަޒަށް -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ކީރިތި ޤުރްއާން ކިޔަވައި ތިލާވަތުކުރުމާއި، އެ ފޮތަށް ޢަމަލުކުރުން އުނދަގޫ ކަމަކަށްވެފައިވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހުކުރު ޚުތުބާގައި ވަނީ ކީރިތި ޤުރުއާނަކީ މާތް الله އެކަލާނގެ ރަސޫލާ މުޙައްމަދުގެފާނަށް ބާވައިލެއްވި، އެކަލާނގެ ކަލާމްފުޅު ކަމަށާއި ޤުރްއާނަކީ މާތް الله އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ބާވައިލެއްވި އިލާހީ ޤާނޫނު ކަމަށް ބުނެފައެވެ.

އެއީ، މުސްލިމުން ދިރިއުޅެންވީ ގޮތުގެ މަންހަޖު ކަމަށާއި މުސްލިމުން ކީރިތި ޤުރުއާން ކިޔަވައި، އެ ފޮތާ އެއްގޮތަށް އުޅުމާއި ސުލޫކު ބައްޓަންކުރަން ޖެހޭ ކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ދަރީންނަށް ކީރިތި ޤުރުއާން އުނގަންނައިދޭން ޖެހޭ ކަމަށާއި އެ ކުދިންގެ ހިތްތަކުގައި ޤުރުއާނުގެ ލޯބި އަށަގަންނުވައި، އެ ފޮތުގެ މަތިވެރިކަމާއި މާތްކަން ދަސްކޮށްދީ ޤުރުއާނަށް އިޙުތިރާމުކުރަން ދަސްކޮށްދޭން ޖެހޭ ކަމަށް މިއަދުގެ ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

"މިއަދު އަހުރެމެންނަށް ވަނީ ކީރިތި ޤުރުއާން ކިޔަވައި ތިލާވަތު ކުރުމާއި، އެ ފޮތަށް ޢަމަލުކުރުން އުނދަގޫ ކަމަކަށްވެފައެވެ. އެކަމުގެ ސަބަބުން އަހުރެމެން ވަނީ ދީނާ ދުރުވެފައެވެ. އަދި، ޣައިރު މުސްލިމުންގެ ކުރިމަތީގައި އަހުރެމެން ވަނީ ނިކަމެތިވެފައެވެ." މިއަދުގެ ހުކުރު ޚުތުބާގައި ބުންޏެވެ.

އިސްލާމިކް މަރުކަޒުގައި ހުކުރު ނަމާދު ކުރުން: ޚުތުބާ އަޑުއެހުމަށާއި ނަމާދު ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އިސްލާމީ މަރުކަޒަށް -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ޚުތުބާގައި ވަނީ ކީރިތި ޤުރުއާނަކީ މުސްލިމުންގެ ހިތާއި ފުރާނައާއި ޟަމީރުގެ ކާނާ ކަމަށާއި އަދި ޤުރުއާނަކީ ބަލިތަކަށް އޮތް ޝިފާއެއް ކަމަށް ބުނެފައެވެ. ޤުރުއާން ކިޔެވުމާއި ޤުރުއާނަށް ޢަމަލުކުރުމަކީ، އަހުރެމެންގެ މައްޗަށް ވާޖިބު ކަމަކަށްވީހިނދު، ޤުރުއާނުން މީހާ ޒީނަތްތެރިވުމަކީ ވެސް ވާޖިބެއްކަން މިއަދުގެ ހުކުރު ޚުތުބާގައިވަނީ ހަނދާން ކޮށްދީފައެވެ.

އެގޮތުން، ތިމާގެ އެތެރެފުށާއި ބޭރުފުށުގެ ޠާހިރުކަމަކީ އެންމެ ފުރަތަމަ ޒީނަތްތެރިކަން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ބުނީ، ދެވަނަ ޒީނަތަކީ ﷲއަށް ބިރުވެތިވުމުގައި ތިމާގެ ނަފުސު ޒީނަތްތެރިކުރުން ކަމަށެވެ. އެ ފޮތް ކިޔެވޭހިނދު، ވެރިރަސްކަލާނގެއަށް ބިރުވެތިވާ މީހުންގެ ގައިގެ ހަންތައް ތުރުތުރުއަޅައިގެންދާނެ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

"الله ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، الله ހަނދުމަކުރުމުން ނޫންހެއްޔެވެ؟ ކީރިތި ޤުރުއާން ކިޔެވުމަކީ الله ހަނދުމަކުރުމުގެ ގޮތުން ކުރެވޭނެ އެންމެ މުހިއްމު އަދި އެންމެ މާތް އެއް ކަމެވެ." ޚުތުބާގައި ބުންޏެވެ.

އިސްލާމިކް މަރުކަޒުގައި ހުކުރު ނަމާދު ކުރުން: ޚުތުބާ އަޑުއެހުމަށާއި ނަމާދު ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އިސްލާމީ މަރުކަޒަށް -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ޤުރުއާނުން ޒީނަތްތެރިވުމުގައި ތިންވަނަ ޒީނަތަކީ އެ ފޮތުގައިވާ އެންމެހައި ކަމެއް ތެދުކުރުން ކަމަށާއި ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް އީމާންކަމާއި އިސްލާމްކަމުގެ ރުކުންތައް ތެދުކޮށް ޤަބޫލުކުރާނަމަ، ޢަމަލާއި ބަސް ދިމާވާން ޖެހޭނެ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ހަތަރުވަނަ ޒީނަތުގެ ގޮތުގައި ޚުތުބާގައި ބުނީ، މަޑުމައިތިރިވުމާއި ކެތްތެރިވުމުގެ ވާހަކައެވެ. ކެތްތެރިވުމާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި ވަރަށް ގިނަ އާޔަތް އައިސްފައިވުމުން އެނގެނީ އެ ކަމުގެ މުހިއްމުކަން ކަމަށާއި ކެތްތެރިވުމުގެ ފޭރާމުން ފޭރާން އެޅުމަކީ، ޤުރުއާން ޤަބޫލުކުރާ ކޮންމެ މީހަކު، ކުރަންޖެހޭނެ ކަމެއްކަން ޚުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ.

އިސްލާމިކް މަރުކަޒުގައި ހުކުރު ނަމާދު ކުރުން: ޚުތުބާ އަޑުއެހުމަށާއި ނަމާދު ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އިސްލާމީ މަރުކަޒަށް -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މަޑުމައިތިރިކަމާ އެކު ވާހަކަދައްކައި ހެދުމަކީ ވެސް ކެއްތެރިވުމުގެ ސިފައެއް ކަމަށާއި ތިމާއަކީ ރައްބެއް ކަމުގައި ދަޢުވާކުރި ކިބުރުވެރި ފިރުޢައުނުގެ ގާތަށް މޫސާ ޢަލައިހިއްސަލާމާއި އެ ކަލޭގެފާނުގެ އަޚު، ހާރޫނު ޢަލައިހިއްސަލާމް ފޮނުއްވިހިނދު الله تَعَالَى މަޑުމައިތިރި ބަހުން ބަސް ވިދާޅުވުމަށް އެންގެވި ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ކީރިތި ޤުރުއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ އެކަމުގެ ސަބަބުން ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެކަމެއް ކަމަށާއި އެއީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމެއްކަން ވެސް ހުކުރު ޚުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ.

comment ކޮމެންޓް