ރާއްޖެއިން އަލުން އީރާނާ ސިޔާސީ ގުޅުން ގާއިމުކުރަން ނިންމައިފި

ޗައިނާ މެދުވެރިވެގެން ބޭއްވި މަޝްވަރާތަކަށް ފަހު، ސައުދީ އާއި އީރާނުން ވަނީ ސުލްހަވާން ނިންމާފަ -- ފޮޓޯ/ ސައުދީ ޕްރެސް އޭޖެންސީ

ސައުދީ އަރަބިއާ އާއި އީރާނުން އަލުން ސިޔާސީ ގުޅުންތައް ގާއިމުކުރަން ނިންމުމާ ގުޅިގެން، ރާއްޖެއިން ވެސް އީރާނާ އަލުން ސިޔާސީ ގުޅުން ގާއިމުކުރަން ނިންމައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ޗައިނާ މެދުވެރިވެގެން ބޭއްވި މަޝްވަރާތަކަށް ފަހު ސައުދީ އާއި އީރާނުން އަލުން ގުޅުން ބަދަހިކުރަން ނިންމައި، އެ ތިން ގައުމުން ނެރެފައިވާ ބަޔާނަށް މަރުހަބާ ކިޔާ ކަމަށެވެ.

"ސަޢޫދީ އަރަބިއާ އާއި އީރާނުން ދެ ގައުމުގެ މެދުގައި އަލުން ސިޔާސީ ގުޅުން ގާއިމުކޮށް ދެ ގައުމުގެ އެމްބަސީތައް އަލުން ހުޅުވުމަށާއި ގައުމުތަކުގެ ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމާއި، ގައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހުމާ ގުޅޭ އަސާސް އަލުން ކަށަވަރުކޮށް ސައުދީ އަރަބިއާ އާއި އީރާނާއި ޗައިނާއިން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔަން،" މިނިސްޓްރީއިން ބުންޏެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، އެ ދެ ގައުމުގެ ނިންމުމާ އެއްގޮތަށް ދިވެހި ސަރުކާރުން ވެސް އީރާނާއެކު އަލުން ސިޔާސީ ގުޅުން ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.

އީރާންއާއި ސައުދީ އަރަބިއާއާ ދެމެދު މައްސަލަ ޖެހުނީ، ސައުދީގެ ޝީޢީ އިލްމުވެރިޔާ ނިމްރު ބާގިރު އަލް ނިމްރުގެ މައްޗަށް އެގައުމުން މަރުގެ ހުކުމް ތަންފީޒު ކުރުމުންނެވެ. އެއީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުއެވެ.

ސައުދީގެ ކޯޓަކުން އޭނާ މަރަން ހުކުމް ކުރީ، އެގައުމަށް ބޭރުގެ ނުފޫޒު ގެނައުމަށް މަސައްކަތް ކުރުމުގެ ދައުވާ އާއި އެގައުމުގެ ވެރިންގެ އަމުރާ ޚިލާފުވެ، ސަލާމަތީ ބާރުތަކާ ދެކޮޅަށް ތެދުވި ކަމުގެ ދައުވާގައެވެ.

ނިމްރު އަކީ، ސައުދީން ޝީއީންނާ މެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ބުނެ ސަރުކާރަށް ފާޑު ކިޔައި، އެގައުމުގައި މިނިވަން އިންތިޚާބުތައް ބޭއްވުމަށް ގޮވާލަމުންދިޔަ މީހެކެވެ.

ނިމްރުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުން، އީރާނާއި މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ވެސް ޝީޢީން ނުރުހުން ފާޅުކޮށް މުޒާހަރާކުރިއެވެ. އެގޮތުން އީރާނުގެ ވެރިރަށް ތެހެރާނުގައި ކުރި މުޒާހަރާތަކުގައި ބައެއް މީހުން ސައުދީ އެމްބަސީއަށް ހަމަލާ ދިނެވެ.

ސައުދީ އަރަބިއްޔާއިން އީރާނާ ގުޅުން ކަނޑާލީ އެ ހަމަލާއާ ގުޅިގެންނެވެ. އެއީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތިނެއްގައެވެ.

ދިވެހިރާއްޖެއިން ވެސް އީރާންއާ ގުޅުން ކަނޑާލީ އެ ދަނޑިވަޅުގައެވެ.

އެއީ ރާއްޖެއިން ގައުމަކާ ޚާރިޖީ ގުޅުން ގާއިމުކުރި ފަހުން، ރާއްޖެއިން އިސްވެ އޮވެ އެ ގުޅުން ކަނޑާލި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް