ކިންގްސްއިން ނެގި 65 މިލިއަން ރުފިޔާ އަނބުރާ ނުދޭ، އާ ސްކީމެއް ފެށުމުން ކަންބޮޑުވޭ: ފުލުހުން

އަލްހާން ފަހުމީ --

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލް ހޯލްޑިންގްސްއިން ޕޮންޒީ ސްކީމެއް ހިންގި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލަމުން ދަނިކޮށް، އެ ކުންފުނިން އިތުރު ސްކީމެއް ފަށައިގެން އުޅޭތީ ފުލުހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކިންގިސްއިން މިހާރު އަންނަނީ "ކޮޕީ ޓްރޭޑިން"ގެ ނަމުގައި އާ ވިޔަފާރިއެއް ފަށައި އެ ވިޔަފާރި އިޝްތިހާރުކުރަމުންނެވެ.

މި ކަމާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ވިދާޅުވީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

"އެ ކަމާ ގުޅިގެން އަޅުގަނޑުގެ އިލްތިމާސެއް އެއީ އާންމު ރައްޔިތުން ރެގިއުލޭޓަރީ އެޖެންސީތަކުން ހުއްދަ ލިބިގެންތޯ [އެކަން ކުރަނީ ބެލުން]. މީގެ ކުރިން ވެސް އަޅުގަނޑުމެން ބަލަމުންދާ މައްސަލައެއްގައި ވަރަށް ގިނަ ފަރާތްތަކެއްގެ ޝަކުވާތަކެއް އެބަހުރި. އެ މައްސަލަ މިހާރު ވެސް ތަހުގީގުކުރަމުން މި ދަނީ މިހާރު ވެސް ޕީޖީއާ މަޝްވަރާކޮށްގެން،" ޔޫނުސް ވިދާޅުވިއެވެ.

ޔޫނުސް ވިދާޅުވީ ކުރީގެ މައްސަލައިގައި ވެސް ވަކިވަކި ފަރުދުންގެ އަތުން ނެގި ފައިސާ އެ މީހުންނަަށް ނުލިބުނު ކަމުގެ ޝަކުވާ ލިބިފައިވާކަމަށެވެ. އެ ފައިސާގެ އަދަދު 65 މިލިއަނެއްހާ ރުފިޔާއަށް އަރާނެކަމަށް ވެސް ޔޫނުސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކިންގްސްގެ މައްސަލައިގައި ވަކިވަކި ފަރުދުން ހިމެނޭއިރު ވަކިވަކި ދައުވާތަކެއްގެ ގޮތުގައި ކޮންމެ މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް ޓަކައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އޮފީހާއެކު މަސައްކަތްކުރަމުން އަންނަކަމަށެވެ.

މަކަރާއި ހީލަތް ހަދައިގެން މީހުންގެ އަތުން ފައިސާނަގައި މަނީލޯންޑާ ކުރިކަމަށް ބުނެ ފުލުހުން ކުރި ތުހުމަތާ ގުޅިގެން މީގެ ކުރިން އަލްހާން ފުލުހަށް ހާޒިރު ކުރިއެވެ.

ފުލުހުން އޭނާ ހާޒިރުކުރީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލުކޮށް ބަޔާންނެގުމަށެވެ.

އަލްހާން އިސްވެ ހުންނަވައި ހިންގަވާ ކިންގްސް ކުންފުނީގެ އެކައުންޓުތައް މިދިޔަ އަހަރުގެ މާޗު މަހުގެ 10ވަނަ ދުވަހު ބޭންކުން ވަނީ ޕޮންޒީ ސްކީމެއް ހިންގާކަމަށް ބުނެ، ސަމާލުވުމަށް އެމްއެމްއޭއާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އިލްތިމާސްކޮށްފައި ވުމުން ހިފަހައްޓައިފައެވެ.

އެ މައްސަލައިގައި އެކައުންޓު އަންފްރީޒް ކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެކައުންޓުތައް ފްރީޒްކުރީ ގާނޫނާ ޚިލާފަށް ކަމަށް ނިންމައިފައެވެ. އެއާއެކު އެކައުންޓުތައް އަންފްރީޒްކުރިއެވެ.

ފުލުހުން ބުނީ މިހާރު ވެސް މި މައްސަލައިގެ ތަހުގީގުކުރަމުން އަންނަކަމަށެވެ. އަދި ވަރަށް އަވަހަށް ދައުވާކުރަން ފޮނުވުމަށް ތައްޔާރުވަމުން އަންނަކަމަށް ވެސް ބުންޏެވެ.

އެމްއެމްއޭއިން އޭރު ބުނީ މިފަދަ ސްކީމްތައް ހިނގަނީ އެ ސްކީމްތަކާ އިތުރު މީހުން ގުޅި، ފައިސާ ލަމުންދާތީ ކަމަށެވެ. އަދި އެ ފައިސާ ބޭނުން ކުރަނީ ސްކީމް ހިންގާ ފަރާތުގެ އަމިއްލަ ބޭނުމަށް ކަމަށެވެ. އެހެންކަމުން، އެއީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކަމެއް ނޫންކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް