ގުރައިދޫ ދާއިރާއަށް އެމްޓީޑީއިން ކެނޑިޑޭޓަކު ނެރެނީ

ވޯޓު ގުނުން ކުރިއައްދަނީ -- ސަންފޮޓޯ/ ނާއިލް ހުސައިން

ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް, މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އިން ކެނޑިޑޭޓަކު ނެރުމަށް ހުޅުވާލައިފިއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި އެމްޓީޑީގެ ފަރާތުން ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުންނަށް ކުރިމަތިލާން ހުޅުވާލައިފައި ވަނީ މާދަމާގެ ހަވީރު 05:00ގެ ނިޔަލަށެވެ.

އެމްޓީޑީއިން ބުނީ އެ ބައި އިލެކްޝަންގައި ބައިވެރިވާން ބޭނުންވާ މެމްބަރުން ޖެހޭނީ އެ ޕާޓީގެ އީމެއިލްއަށް މެއިލް ކުރަން ކަމަށެވެ.

މި ބައި އިލެކްޝަނަށް އެމްއެންޕީ، އެމްޑީޕީ އަދި ޕީޕީއެމްއިން ވެސް ވަނީ ކެނޑިިޑޭޓަކު ނެރުމަށް ނިންމާފައެވެ. އެގޮތުން އެމްޑީޕީން އިންތިޚާބުގައި ވާދަކުރަން އިއުލާނު ކުރުމާއެކު، މިހާތަނަށް ހަތަރު މީހަކު ވަނީ ކުރިމަތިލާފައެވެ. އެ ޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމުން، އެ ޕާޓީގެ ޓިކެޓު ދިނުމަށް ނިންމާފައިވަނީ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޯފުޅު ހުސައިން ރިޒާއަށެވެ. ޕީޕީއެމުން ބުނީ ބައި އިލެކްޝަންގެ ޓިކެޓަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ޕީޕީއެމުން އެ ޓިކެޓަށް ކުރިމަތިލާފައިވަނީ ހުސައިން ރިޒާ އެކަނި ކަމަށެވެ. އެހެންވެ، އެ ޕާޓީގެ ޓިކެޓު ރިޒާއަށް ދޭން ނިންމާފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ ފާއިތުވި 14 އަހަރު އެ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ކެންސަރުގެ އާލާސްކަންފުޅުގައި ގިނަ ދުވަސް ތަކެއް ވަންދެން އުޅުއްވުމަށްފަހު އޭނާ އަވަހަރާވީ އުމުރުން 55 އަހަރުގައި މިދިޔަ މަހުގެ 23ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

comment ކޮމެންޓް