ކެއާ ސޮސައިޓީގެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް އިތުރަށް ފުޅާކުރުމުގެ ގޮތުން، ހދ. ކުޅުދުއްފުށީގައި އެ ސޮސައިޓީގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށް ކެއާ ސޮސައިޓީގެ ބޯޑުގެ ރައީސް އިސްމާއީލް އަދުހަމް ވިދާޅުވެއްޖެއެވެ.
ރޭ އޮތް އެ ސޮސައިޓީގެ 24ވަނަ އަހަރީ އާއްމު ޖަލްސާގައި އެ ސޮސައިޓީގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތުގެ މުހިންމު ނިންމުންތައް ނިންމިއިރު އެ ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަދުހަމް ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި އެ ސޮސައިޓީގެ ޚިދުމަތް ފެށުމުގެ މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައެވެ.
"ހދ. ކުޅުދުއްފުށީގައި ކެއާ ސޮސައިޓީގެ ޚިދުމަތް ދޭ މަރުކަޒެއް، ނޫނީ އަޅުގަނޑުމެންނާ އެފީލިއޭޓްވާ ބަޔަކާ އެކު ނަމަވެސް މިކަހަަލަ މަރުކަޒެއް އަޅުގަނޑުމެން އިރާދަކުރެވިއްޔާ މި އަހަރު ފެށޭތޯ މަސައްކަތްކުރާނަން،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކެއާ ސޮސައިޓީގެ ޚިދުމަތް ހުޅުމާލޭގައި މި އަހަރުގެ އޮގަސްޓް މަހުގައި ފެށުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ހުޅުމާލެ ދެވަަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ކެއާ ސޮސައިޓީގެ ޚިދުމަތް ދިނުމަށް އެޗްޑީސީއާއެކު ތަނެއް ތައްޔާރުކޮށް، އޮގަސްޓް ކުރީކޮޅުގައި ޚިދުމަތް ދޭން ފެށޭނެކަމަށް ވެސް އަދުހަމް ފާހަގަކުރެއްވިއެވެ.
އެ ތަނުން ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި ކުދިންގެ އިންޓަވެންޝަން ތެރަޕީ އާއި ވޮކޭޝަނަލް އެޑިޔުކޭޝަން ހިމެނެއެވެ.
ޖަލްސާގައި އެ ޖަމިއްޔާގެ ހިންގާ ގަވައިދު އިސްލާހުކޮށް ވަނީ ފާސް ކޮށްފައެވެ. އަދި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓު ހުށަހަޅައި، އެ ސޮސައިޓީގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުންވަނީ ހޮވައިފައެވެ.
އެއާއެކު އެ ޖަމިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިވެދީފައިވާ އެކި ފަރާތްތަކަށް، އެ މީހުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ވެސް ވަނީ ދީފައެވެ.
އަދުހަމް ވަނީ ކެއާ ސޮސައިޓީގެ ޚިދުމަތްތައް މައިގަނޑު ތިން ދާއިރާއަކަށް ބަހާލައިގެން ކުރިއަށް ގެންދަން އަމާޒުކުރައްވާކަމަށް ވިދާޅުވެފައެވެ.
އެ ތިން ކަމުގެ ތެރެއިން އެންމެ މުހިންމު ކަމަކީ ކުދިންގެ ޅަފަތުގައި އެ ކުދިންގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަން ދެނެގަތުމާއި، އާލީ އިންޓަވެންޝަން ފޯރުކޮށްދިނުންކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ސްކޫލް ނިންމާ ކުދިންނަށް އާމްދަނީ ހޯދޭނެ
ގޮތެއް ފަހިކޮށްދިނުމަކީ ވެސް އެ ސޮސައިޓީން ކުރަން އަމާޒު ހިފާނެ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ. ތިންވަނަ ކަމަކީ ތެރަޕީ އާއި ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ހިންގުމެވެ.
ހަމައެއާއެކު މި އަހަރަކީ އެ ސޮސައިޓީއަށް 25 އަހަރު ފުރޭ އަހަރު ކަމަށްވުމުން އެ ދުވަސް ފަހަގަކުރުމުގެ ގޮތުން ވެސް ޚާއްސަ ހަރަކާތްތަކެއް ހިންގަން އަންނަނީ ރާވަމުންނެވެ.
އެގޮތުން ކެއާ ސޮސައިޓީގެ އާ ސްޓްރެޓެޖިކް ޕްލޭން އެކުލަވައިލުމަށް ޓަކައި ސްޓޭކްހޯލްޑާ ފޯރަމެއް މި އަހަރު ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.
ރޭ އޮތް އެ ސޮސައިޓީގެ އަހަރީ ޖަލްސާގައި، އެ ޖަމިއްޔާގެ ބޯޑު މެމްބަރުންނާއި އާންމު މެމްބަރުންނާއި ކުދިން ބައިވެރިވިއެވެ.
ނަވާރަ ސަތޭކަ ނުވަދިހަ އަށް ވަނަ އަހަރު އުފެއްދި ކެއާ ސޮސައިޓީއަކީ މުޖުތަމައުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން އުފެއްދި ޖަމިއްޔާއެކެވެ.