ހަތަރު މަހުގައި ވިހެއި ދެބެން ރެކޯޑު ފޮތަށް

އެޑްރިއަލް އާއި އާދިއާ

ދުވަސް ނުފުރައި އެންމެ ހަތަރު މަހުގައި ލިބުނު އެއް މާބަނޑު ދެކުދިންގެ ފުރާނަ ސަލާމަތް ވުމާއެކު ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.

ދުވަސް ނުފުރާ ވިހައި ކުޑަކުދިން ސަލާމަތް ވުމަކީ އާދަޔާ ހިލާފު ކަމެއް ނޫނެވެ. ނަމަވެސް ޝަކީނާ ރާޖެންދުރަމް އާއި ކެވިން ނާދަރާޖް އަށް ލިބުނު ޓްވިންސް އަކީ އާދަޔާ ހިލާފު ހާލަތެކެވެ.

ޝަކީނާ އަށް ލިބެން އުޅުނީ ދެކުދިން އެއް ފަހަރާއެވެ. ނަމަވެސް ބަނޑަށް ހަތަރު މަސް ވީތަނާ ޝަކީނާ ވިހާފައިވަނީ ދުވަސް ނުފުރައެވެ. ދެކުދިން (އެޑްރިއަލް އާއި އާދިއާ) ވިހެއުމާއެކު ވެސް ޑޮކްޓަރުން ދިނީ ހިތާމަވެރި ހަބަރެކެވެ. އެއީ އެހާ ބޮޑަށް ދުވަސް ނުފުރާ ވިހެއުމުން ސަލާމަތް ވާނޭ ކަމަށް ނުބެލޭ ކަމުގެ ޚަބަރެވެ.

"ޑޮކްޓަރުން އެ ވާހަކަ ބުނި އިރު ވެސް ދެކުދިންގެ ފުރާނަ އޮތް. އެހާ ހިސާބުން އަހަރެއް ހިތް ހަލާކުވި ނަމަވެސް އުއްމީދު ކަނޑާލަން ބޭނުމެއް ނުވި،" ޝަކީނާ ކިޔައިދިނެވެ.

ކެނެޑާގެ އޮންޓާރިއޯގައި ދިރިއުޅެމުން ދިޔަ ދެމަފިރިންނަށް އެ ކުދިން ލިބުމުން ވެސް އެކުދިންގެ ފުރާނައާ މެދު ޑޮކްޓަރުން ވަނީ އުއްމީދު ގެއްލުވާލާފައެވެ. އެއީ ގިނަ ފަހަރަށް ދުވަސް ނުފުރާ ވިހާ ކުދިން ފަސް މަހަށް ވުރެ ކުރިން ވިހާ ނަމަ އެކުދިން ރިސަސިޓޭޓް ނުކުރާތީއެވެ. އެއާއެކު އެންމެ ހަތަރު މަހުގައި ދެކުދިންނަށް ފަރުވާ ދިނުމަށް ދެމަފިރިން ދިޔައީ ޓޮރޮންޓޯގައި ހުރި ހާއްސަ ހޮސްޕިޓަލަކަށެވެ.

ދެކުދިން ވިހެއި އިރު ދެކުދިން ކުޑަކަމުން ހަށިގަނޑުގެ އެތެރެ ވެސް ކޮންމެވެސް ވަރަކަށް ފެނެއެވެ. އަދި އިތުރު ފަރުވާއަށް 161 ދުވަސް އާދިއާ ހޮސްޕިޓަލުގައި ހޭދަ ކުރިއިރު އެޑްރިއެލް 167 ދުވަސް ހޮސްޕިޓަލުގައި ހޭދަކުރިއެވެ.

comment ކޮމެންޓް