ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާ ފަންޑަށް ނުވަ މިލިއަން ރުފިޔާ

ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި ލިބުނު ގެއްލުންތައް -- ފޮޓޯ/ އޭއެފްޕީ

ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ހުޅުވާފައިވާ ފަންޑަށް ދިވެހިންގެ ފަރާތުން ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން މިއަދު ބުނެފިއެވެ.

އެ ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖަމިއްޔާތަކާއި ޖަމާއަތްތަކުން ގުޅިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެކަމާ ގުޅިގެން އައިއޭސީގެ ޑިރެކްޓަ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް، އަޒްހަދު އަހްމަދު މިއަދު "ސަން"އަށް ވިދާޅުވީ އެ ހަރަކާތްތަކުން އަދިވެސް ނިންމާނުލާ ކަމަށެވެ.

"އެހީ ފޯރުކޮށްދިނުމުގެ އެ ހަރަކާތްތައް އަދިވެސް ނުއެއް ނިމޭ. އެކަމު ވަރަށް އަވަހަށް ނިންމާނެ ތާރީޚެއް އިއުލާނުކުރާނެ،" އޭނާ ވިދާޅުވިއެވެ.

އަޒްހަދު ވިދާޅުވި ގޮތުގައި ފައިސާގެ އެހީގެ އިތުރުން އެހެނިހެން އެހީތައްވެސް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ކޮންޓެއިނާ ހައުސްތަކެއް އެހީގެ ގޮތުގައި ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކޮންޓެއިނާ ހައުސްތަކުގައި ހިމެނެނީ ދެ ކޮޓަރި އާއި ފާޚަނައެކެވެ. އަދި އެގައުމަށް ފޮނުވުމުގެ މަސައްކަތް ކުރަނީ އޭގެ 30 ގެއެވެ.

މީގެ އިތުރުން، ދެ ޓަނުގެ ހަނޑޫ ދެ ގައުމަށް ފޮނުވުމުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް ވެސް އަޒްހަދު ވިދާޅުވިއެވެ.

ދިވެހިން ވަމުންދާ ފައިސާގެ އެހީ އާއި އެހެނިހެން އެހީތައް އައިއޭސީން ތުރުކީ އާއި ސީރިއާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އެމީހުން ދަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ކޮންމެ ދުވަހަކު ޕާރުސަލާއި އަންނައުނު ބަހަމުންނެވެ.

ތުރުކީގެ ހުޅަނގު ދެކުނަށް ރިކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުން އައިސްފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ހަ ވަނަ ދުވަހެވެ.

comment ކޮމެންޓް