ކުރިއަށް އޮތް ރޯދަ މަހު ބާޒާރުގައި ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ މެދުވެރިކޮށް އެ ތަކެތީގެ ހަ ޝިޕްމަންޓެއް ގެނައުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރޯދަ މަހަށް ކުޑަތަންވެފައި ވަނިކޮށް ކާބޯތަކެތީގެ ބައެއް ބާވަތްތައް ބާޒާރުގައި ލިބުން ދަތިވެ، ބައެއް ތަކެތީގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން "ސަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތަރުޖަމާނު މިއުވާން ވިދާޅުވީ އާންމުކޮށް ދިވެހިން ކެއުމުގައި ބޭނުން ކުރާ ކާބޯތަކެތީގެ ބާވަތްތައް ހުސްވިޔަ ނުދީ ބާޒާރުން ލިބެން ހުންނާނެކަން ސަރުކާރުން ޔަގީން ކުރާނެ ކަމަށެވެ.
"ފިޔާ، އަލުވި، ބިސް ހުސްވިޔަ ނުދީ ލިބޭނެ ގޮތް އިންތިޒާމު ކުރުމަށް، ހުސްވުމެއް ނެތި ލިބޭނެ ގޮތް އިންތިޒާމު ކުރުމަށް ޖުމުލަ ހަ ޝިޕްމަންޓެއް ގެނައުމަށް އެސްޓީއޯއިން ވަނީ ނިންމާފައި." އޭނާ ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
މިގޮތުން، ރޯދައަށް ގެންނަ ކާބޯތަކެތީގެ ފުރަތަމަ ޝިޕްމަންޓް މިދިޔަ މަހުގެ 27ގައި ގެނެވިފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ތަކެތި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިހާރު ވެސް ވިއްކަން ފަށާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.
"ހޯލްސޭލް މުދާ ދޫކުރުމަށް ވެސް ވަރަށް ބޮޑަށް ރޭވިގެން އެކަން ކުރިއަށް ދާނެ. އަދި، ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ މުދާ ތަންކޮޅެއް ފަސޭހައިން ހުޅުމާލެ ސެކަންޑް ފޭސްގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގާއިމް ކުރެވޭ ފިހާރަތަކުގެ މަސައްކަތް ވެސް މިހާރު އެބަ ކުރިއަށް ދޭ،" އޭނާ ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ރޯދައަށް ގެންނަ މުދާ ޕޯޓުގައި ތާށިވިޔަ ނުދީ ބާޒާރަށް ނެރެވޭނެ ގޮތް އިންތިޒާމު ކުރުމަށް އެމްޕީއެލާއި ކަސްޓަމްސް އަދި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

29 އޭޕްރީލް 2022، މާލެ، ރޯދަޔަށް ތިން ދުވަސް: މާރުކޭޓު ގޮޅިތައް މޭވާއާއި ތަރުކާރީން ފުރި މާރުކޭޓުގައި މީހުން ތޮއްޖެހިފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ބާޒާރުމަތީ ފިހާރަތަކުގައި ލުނބޯ ކިލޯއެއް މިހާރު ލިބެންހުރި އަގުތަކަށް ބަލާއިރު، އެންމެ އަގު ހެޔޮކޮށް ވެސް ލުނބޯ ކިލޯއެއް ލިބެންހުރީ 75 ރުފިޔާއަށެވެ. އާއްމުކޮށް ލުނބޯ ކިލޯއެއް ލިބެން ހުރީ 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ. ހުޅުމާލެއަށް ބަލާއިރު، ގިނަ ފިހާރަތަކުން ލުނބޯ ކިލޯއެއް މިހާރު ލިބެންހުރީ 80 ރުފިޔާއިން މަތީގައެވެ.
މިދިޔަ ދެ ތިން ދުވަހުގެ ތެރޭގައި ލުނބޯ ކިލޯއެއްގެ އަގު 100 ރުފިޔާއަށް މައްޗަށް ގޮސްފައިވާއިރު، މިދިޔަ ހަފުތާގައި ލުނބޯ ކިލޯއެއް 35 ރުފިޔާއަށް ލިބެން ހުއްޓެވެ.
އަދި، އާއްމު ގޮތެއްގައި ބާޒާރުގައި ކާއްޓެއް ވިއްކަމުން ދިޔައީ ހަތަރު ރުފިޔާއަށެވެ. ބޮޑު ކާއްޓެއް ނަމަ އަށް ރުފިޔާއަށް ލިބެންހުރެއެވެ. އެކަމަކު، މިހާރު އެ އަގުތައް ވަނީ ބޮޑުވެފައެވެ. މިހާރު މާލޭގެ ބާޒާރުގައި ކާއްޓެއްގެ އަގު އުޅެނީ 10 ރުފިޔާ އާއި 30 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.