ސައުދީގެ އެހީގައި ހުޅުމާލޭގައި 400 ހައުސިން ޔުނިޓް އަޅަނީ

ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސައުދީ އަރަބިއްޔާގެ އެހީގައި ހުޅުމާލޭގައި 400 ހައުސިން ޔުނިޓް އަޅަން ނިންމައިފިއެވެ.

ހުޅުމާލޭގައި އަޅަން ނިންމާފައިވާ 400 ހައުސިން ޔުނިޓް އަޅަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުގެ އެހީގައި ކުރިއަށް ގެންދާ އަގުހެޔޮ ގެދޮރުގެ މަޝްރޫއުގެ ދަށުންނެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އެ ޕްރޮޖެކްޓަށް ކޮންސަލްޓެންސީ ފާމެއް ހޯދަން އިއްޔެ އިއުލާނުކޮށްފައެވެ. ފިނޭންސް މިނިސްޓްރީން ހޯދަން އިއުލާން ކޮށްފައިވާ ކޮންސަލްޓަންސީ ފާމުން ޓެންޑަ ޑޮކިއުމަންޓާއި އީއައިއޭ ރިޕޯޓް ތައްޔާރުކުރުމާއި ތަފުސީލީ ޑިޒައިން ރިވިއު ކުރުމުގެ އިތުރުން ކޮންޓްރެކްޓަރުގެ މަސައްކަތްް ސުޕަވައިޒް ކުރަން ޖެހޭނެއެވެ.

ކޮންސަލްޓެންސީ ފާމު ހޮވުމަށް ހަމަޖެހިފައިވަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ގައިޑްލައިންތަކާއި އުސޫލުތަކާ އެއްގޮތަށެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 26 ވަނަ ދުވަހުގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅަން ޖެހޭނެއެވެ.

މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މިހާރުވެސް ސަރުކާރުން ދަނީ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް މާލެ ސަރަހައްދާއި ރާއްޖެތެރޭގައި ވެސް ކުރިއަށް ގެންދަމުންނެވެ. އަދި ހުޅުމާލޭގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއަކީ އޭގެ ތެރެއިން މަޝްރޫއެކެވެ.

comment ކޮމެންޓް