ގުރައިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓު މެންބަރު ރިޒާގެ ކޮއްކޯފުޅަށް

ހުސައިން ރިޒާއަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމުގެ ލިޔުން ހަވާލު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމުން، ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޯފުޅު ހުސައިން ރިޒާއަށް އެ ޕާޓީގެ ޓިކެޓު ދޭން ނިންމައިފިއެވެ.

މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހީމް ރިޒާ މި މަހުގެ 23ވަނަ ދުވަހުގެ ރޭ އަވަހާރަވުމުންނެވެ.

ރިޒާ އަވަހާރަވީ މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.

އޭނާ އަވަހާރަވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދާއިރާގެ ބައި އިލެކްޝަންސް އޭޕްރީލް މަހުގެ 15ގައި ބާއްވަން ނިންމައިފައެވެ. އެހެންވެ، ޕާޓީތަކުން ވަނީ އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ބައި އިލެކްޝަންގެ ޓިކެޓަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ޕީޕީއެމުން އެ ޓިކެޓަށް ކުރިމަތިލާފައިވަނީ ހުސައިން ރިޒާ އެކަނި ކަމަށެވެ. އެހެންވެ، އޭޕްރީލް މަހު އޮންނަ ގުރައިދޫ ދާއިރާގެ ޕްރައިމަރީއަށް އެ ޕާޓީގެ ޓިކެޓު ރިޒާއަށް ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުސައިން ރިޒާއަކީ ގިނަ ދުވަސްތަކެއް ވަންދެއް ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ކްރިމިނަލް ކޯޓުގައެވެ. އަދި ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

މިހާތަނަށް އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާނެކަން އިއުލާނު ކޮށްފައިވަނީ ޕީޕީއެމްގެ އިތުރުން އެމްޑީޕީއާއި އެމްއެންޕީންނެވެ. އެކަމަކު، އެ ދެ ޕާޓީން ވާދަކުރައްވާނެ ބޭފުޅަކު މިހާތަނަށް އިއުލާނު ކޮށްފައެއް ނުވެއެވެ.

ކުރީގެ މެންބަރު ރިޒާ ވަނީ މެދުނުކެނޑި 13 އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވައިފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރިޒާ ވަނީ ޖޭއެސްސީގެ ނައިބު ރައީސްކަން ވެސް ކުރައްވައިފައެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ރިޒާ އަކީ ގާނޫނީ ވަކީލެކެވެ. 2009ވަނަ އަހަރު އެންމެ ފުރަތަމަ އޭނާ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ އަމިއްލަ ގޮތުންނެވެ. އެއަށްފަހު ޕީޕީއެމް އުފެދުމުން އެ ޕާޓީއާ ގުޅިވަޑައިގަތެވެ.

comment ކޮމެންޓް