ނުވަ އަހަރަށް ފަހު މެސެންޖާ އަނެއްކާވެސް އެފްބީ މޮބައިލް އެޕްލިކޭޝަނަށް

ދިގު މުއްތަކަށްފަހު ފޭސްބުކް މެސެންޖާ އަނެއްކާވެސް އެ ޕްލެޓްފޯމްގެ މޮބައިލް އެޕަށް ގެނައުމަށް ތައްޔާރުވެއްޖެއެވެ.

ކުރިން ފޭސްބުކްގެ ނަމުން މަޝްހޫރު މެޓާއިން މެސެންޖާ އަލުން މޯބައިލް އެޕްއަށް ގެންނަނީ ގާތްގަނޑަކަށް ނުވަ އަހަރުގެ ވަކިވުމަކަށް ފަހުއެވެ. މި ފިޔަވަޅުގެ މަޤްޞަދަކީ މެސެންޖާ އެޕް މެދުވެރިކޮށް ވިޔަސް ނުވަތަ ސީދާ ފޭސްބުކްގެ ތެރެއިން ވިޔަސް މީހުންނަށް އެކަކު އަނެކަކާ ވާހަކަ ދައްކަން ފަސޭހަކޮށްދިނުމެވެ.

ފޭސްބުކްގެ ހެޑް ޓޮމް އެލިސަން ނެރުނު ބަޔާނެއްގައި ބުނީ ފޭސްބުކް އެޕްގެ ތެރެއިން މީހުންނަށް މެސެންޖާ އިންބޮކްސްއަށް ވަދެވޭނެ ގާބިލްކަން ޓެސްޓް ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް މި ޓެސްޓް ފުޅާކުރާނެ ކަމަށެވެ. އެލިސަން ވިދާޅުވީ މިއީ އިޖުތިމާއީ ކަންކަމަށް އެންމެ ރަނގަޅު ޕްލެޓްފޯމަކަށް ފޭސްބުކް ހެދުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.

ދެހާސް ސާދަ ވަނަ އަހަރު ފޭސްބުކް އެޕްއިން މެސެންޖާ އުނިކުރިއިރު މެޓާއިން ބުނީ އެ ކުންފުނިން ބޭނުންވަނީ މެސެންޖާއަކީ މެސެޖު ކުރުމަށް އެންމެ ރަނގަޅު ޕްލެޓްފޯމަށް ހެދުން ކަމަށެވެ. ފޭސްބުކްގެ މޯބައިލް ބްރައުޒާ ވާޝަނަށް މެސެޖިން އަނބުރާ ގެނައުމަށް މެޓާއިން ރާވާފައިވީނަމަވެސް އަދި ވަކި ތާރީޚެއް ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެންވެސް މޯބައިލް ވެބް ޔޫޒަރުން މެސެންޖާ އެޕް އަނބުރާގެނައުމަށް ބާރު އަޅަމުން އަންނަ ކަމަށް ފޭސްބުކުން ބުނެއެވެ.

ޓިކްޓޮކްއާ ވާދަކުރުމުގެ މަސައްކަތުގެ ދަށުން މެޓާއިން ދަނީ ފޭސްބުކްގެ ފޯކަސް، މުނިފޫހިފިލުވުމާއި ޑިސްކަވަރީ ޕްލެޓްފޯމަކަށް ބަދަލުކުރަމުންނެވެ. އެލިސަން ބުނީ މެސެންޖާ އަނބުރާ ފޭސްބުކް އެޕްއަށް ގެނައުމުގެ އެއް ސަބަބަކީ މެސެޖު ކުރުމަށް އެހެން އެޕަކަށް ބަދަލުވާން ނުޖެހި ފޭސްބުކްގައި ފެންނަ އެއްޗެއް ހިއްސާކުރުމަށް ފަސޭހަ ކުރުން ކަމަށެވެ.

މެޓާއިން މިކަން އިއުލާން ކުރީ މި އަހަރު ފޭސްބުކުން އިސްކަންދޭނެ ކަންތައްތަކާ ބެހޭ ގޮތުން ކުރި ބްލޮގް ޕޯސްޓެއްގައެވެ. އެ ޕްލެޓްފޯމް 'މަރުވެފައި ނުވާ' ކަމާއި އެކަމުގެ ޔަގީންކަން ދިނުމަށް އެޕޯސްޓްގައި ފޭސްބުކުން މަސައްކަތް ކޮށްފައިވެއެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ފޭސްބުކް އެޕްއިން އިންސްޓަގްރާމް ޔޫޒަރުންނަށް މެސެޖު ފޮނުވައި، އެ ތަޖުރިބާ އިތުރަށް ފަސޭހަވެގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް