ދިއްގަރު ބަލިކުރުމަށްފަހު ގަން ކުއާޓާއަށް

ގަމާއި ދިއްގަރު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖު 2023 ގެ ގަދަ 16 ގައި ދިއްގަރު ބަލިކުރުމަށް ފަހު ލ. ގަމުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މެޗު ގަމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ގަމުގެ ގޯލުތައް ޖެހީ އަހުމަދު ހަލީމްގެ އިތުރުން އަބްދުﷲ ޖުނައިދެވެ. ހަލީމް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. އަދި މެޗުގައި ދިއްގަރުން ޖެހި ދެ ގޯލު ޖަހައިފައިވަނީ ހުސައިން ފާރިޝްއާއި އާދަމް ހަލީލްއެވެ.

ގަން ގޯލްޑެން ފުޓްސަލް ޗެލެންޖު ގަދަ 16 އަށް ދަތުުކުރީ އަތޮޅު ބުރުގައި ލ. އަތޮޅުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. އަދި ޒޯނު ބުރުގައި އެ ޓީމަކީ ޒޯނު ހައެއްގެ ރަނަރަޕް ޓީމެވެ.

އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން ހައެއްގައި ހިމެނެނީ ލ. އަތޮޅުގެ ޗެމްޕިއަން ގަމާއި ގދ. އަތޮޅު ޗެމްޕިއަން ވާދޫގެ އިތުރުން ގއ. އަތޮޅުގެ ޗެމްޕިއަން މާމެންދޫ އަދި އެއަތޮޅުގެ ރަނަރަޕް ނިލަންދޫއެވެ. އެ ޒޯނުގެ ޗެމްޕިއަން ޓީމަކީ ވާދޫއެވެ.

ދިއްގަރު ގަދަ 16 އަށް ދަތުރުކުރީ އަތޮޅު ބުރުގައި މ. އަތޮޅުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. އަދި އެ ޓީމަކީ ޒޯނު ހަތަރެއްގެ ޗެމްޕިއަން ޓީމެވެ. އެ ޒޯނުގައި ހިމެނެނީ މ. އަތޮޅުގެ ޗެމްޕިއަން ދިއްގަރާއި އެ އަތޮޅުގެ ރަނަރަޕް ނާލާފުއްޓާއި އދ. އަތޮޅުގެ ޗެމްޕިއަން މާމިގިއްޔާއި އެ އަތޮޅުގެ ރަނަރަޕް މަހިބަދޫއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް