މ. ދިއްގަރު ރައްޔިތުން އެދޭ ފެންވަރުގެ ހޮސްޕިޓަލެއް އެ ރަށުގައި ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ.
ރައީސް މިހެން ވިދާޅުވީ ކައުންސިލްތަކާ ބައްދަލު ކުރެއްވުމަށް އަތޮޅުތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްގަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިއްގަރުގެ ރައްޔިތުން އެދޭ ފެންވަރުގެ ހޮސްޕިޓަލެއްގެ ޔަގީންކަން ރައީސް ދެއްވިއިރު، މިހާރު އެ ރަށުގައި ހުންނަނީ ޞިއްޙީ މަރުކަޒެކެވެ. އެތަނުން އެކަށީގެންވާ ޞިއްޙީ ޚިދުމަތް ނުލިބޭ ކަމާއި، އެ ކަމުގައި ދިއްގަރާއި އެ ދާއިރާގެ ރައްޔިތުންނަށް ދިމާވާ ތަކުލީފު، އެ ރަށު ކައުންސިލްގެ ރައީސް އަޙުމަދު ނިޝާން ވަނީ ޖަލްސާގައި ހިއްސާކުރައްވައިފައެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުތަކުގައި ރަށްތަކަށް ވަޑައިގެން އެ ރަށެއްގެ ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގެންދަވަނީ ގާތުން ބައްލަވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
މި ގޮތުން ދިއްގަރު ކައުންސިލްގެ ރައީސް ވަނީ އެ ރަށުގައި ބޭންކިން ނިޒާމުގެ އެއްވެސް މިންވަރެއް ގާއިމްވެފައިނުވާ ކަމާއި، ފެންވަރުގެ ރަނގަޅު ޚިދުމަތް ލިބޭނެ ގޮތެއް ގާއިމްވެފައި ނެތުމުގެ އިތުރުން، ބޯހިޔާވަހިކަމުގައި ދިމާވެފައިވާ މައްސަލަތައް ފާހަގަ ކުރައްވާފައެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެ ރަށުގެ ތަރައްގީއަށްޓަކައި ކުރަން ހުރި ހުރިހާ ކަމެއްގައި އަމަލީ ސިފަ ޖައްސުވައިދީ، ހަގީގަތަކަށް ހަދައި ދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރުމުގެ ގޮތުން ކައުންސިލްތަކުގެ އިހުތިސާސްގައި ފަޅު ރަށް، ހިމަނައިގެން އެ ރަށްތަކުގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި އެ ކަމުގައި ކައުންސިލްތައް ނުހިފަހައްޓައި، ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުގެ ތެރެއިން ހުރިހާ އެއްބާރުލުމެއް ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އަތޮޅުތަކަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްގަރު ކައުންސިލަކީ އެ މަނިކުފާނު ބައްދަލު ކުރެއްވި 136ވަނަ ކައުންސިލެވެ. ރައީސްގެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.