ބަސްތަކުގެ މައްސަލައިގައި ސާމީ އަގީލްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

އެއްބަސްވުމާ ޚިލާފަށް ޝަރުތުހަމަނުވާ ބަސްތަކެއް ބަލައިގަންނަން ނިންމާ އެ ބަސްތައް ބަލައިގަންނަން އަންގާފައިވާތީ ރީޖަނަލް އެއާޕޯޓްސްގެ ކުރީގެ ޑިރެކްޓަރު ޖެނަރަލް، ސާމީ އަގީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނީ ރީޖަނަލް އެއަޕޯޓްސްއަށް ބޭނުންވާ ބަސްތަކެއް ސަޕްލައިކުރުމަށް 2019 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާއެކު، ވެފައިވާ އެއްބަސްވުމުގައި ބަސްތަކުގައި ހުންނަންވާނެކަމަށް ޝަރުތުކޮށްފައިވާ ކަންކަން ފުރިހަމަވެފައިނުވާއިރު، އެއްބަސްވުމަށް ރިއާޔަތްކުރުމެއްނެތި، އެ ބަސްތައް ބަލައިގަންނަން ސާމީ އަގީލް އަންގާފައިވާކަން އެނގޭ ކަމަށެވެ.

މި މައްސަލައިގައި އަގީލްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދިފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

ހދ. ކުޅުދުއްފުއްޓާއި އެ އަތޮޅު ހަނިމާދޫ އެއާޕޯޓަށް، ފަސިންޖަރުން އުފުލާ ދެ ބަސް ހޯދަން ހަވާލުކުރި ފަޔަ ޕްރޯ މޯލްޑިވްސް އިން އެއްބަސްވުމާ ޚިލާފަށް ބާ ބަސްތަކެއް ގެނައި މައްސަލަ ފެންމަތީ 2020 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

comment ކޮމެންޓް