މެމްބަރު ސިޔާމްގެ އެހީގައި ބަނޑިދޫގައި ޖިމެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

ދ. ބަނޑިދޫގައި ޖިމް ތަރައްގީކުރުމުގެ މަސައްކަތަށް ބިންގާ އެޅުން -- ސަން ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ އެހީތެރިކަމާއެކު އެ ދާއިރާގެ ރަށެއް ކަމަށްވާ ދ. ބަނޑިދޫގައި ޒަމާނީ ފެންވަރުގެ އައުޓްޑޯ ޖިމެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ޖިމުގެ ބިންގާ އަޅައިދެއްވީ ބަނޑިދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ އާއި ސަން ކޮންސްޓްރަކްޝަން ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ހުސައިން ސާލިމް މުހައްމަދެވެ.

ޖިމުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބަނޑިދޫ ކައުންސިލަރުންނާއި އެރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

މި ޖިމާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ބަނޑިދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ ވިދާޅުވީ ޒަމާނީ ފެންވަރަށް ތަރައްގީކުރާ އެ ޖިމުން ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބޭނެކަމަށެވެ.

ދ. ބަނޑިދޫގައި ޖިމް ތަރައްގީކުރުމުގެ މަސައްކަތަށް ބިންގާ އެޅުމަށް އޮތް ހަފްލާގެ ތެރެއިން - ސަން ފޮޓޯ

"މި ޖިމަކީ ތަފާތު ކަންތައްތަކެއް އެކުލެވޭ، ރާއްޖޭގައި މިހާރު ހުރި އައުޓްޑޯ ޖިމްތަކަށްވުރެ ރީތިކަމާއި، ހެލިފެޅިވެ އުޅުމުގެ ކަންކަން ފުރިހަމަވާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ދެން މިއީ ތަފާތު ކޮންސެޕްޓަކަށް ހަދާ ޖިމެއް،" މޫސާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ޖިމުގެ މަސައްކަތަކީ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި ތިބި ކަމެއް ކަމަށެވެ. ޚާއްސަކޮށް ޒުވާނުންގެ ފަރާތުން އެ ކަމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް މޫސަ ވިދާޅުވިއެވެ.

ބަނޑިދޫގެ ޖިމުގެ މަސައްކަތަކީ ދެ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ 350،000 ރުފިޔާގެ އަގުހުރި މަޝްރޫއެކެވެ.

ޖިމު ތަރައްގީކުރުމުގެ މަސައްކަތްކުރަނީ ސޯސަން ބިލްޑާސްއެވެ.

comment ކޮމެންޓް