ވިލިމާލޭ ބަގީގެ ޚިދުމަތް އަންނަ ހަފުތާގައި ފަށަނީ، ރޯދަ މަހާއި އީދުގައި ދަތުރުތައް ހިލޭ

ވިލިމާލޭގައި ބަގީއެއް ދުއްވަނީ -- ފޮޓޯ/ ޑެސްތިނޭޝަން ގައިޑްސް

ވިލިމާލޭގައި މާލޭ ސިޓީ ކައުންސިލުން ދޭން ނިންމާފައިވާ ބަގީގެ ޚިދުމަތް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ފަށާނެކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ، ކުރިއަށްއޮތް ރަމަޟާން މަހާއި ފިތުރު ޢީދުގެ ދުވަސްތައް ނިމެންދެން ބަހުގެ ޚިދުމަތް ދޭނީ ހިލޭ ކަމަށެވެ.

"ބަސްރޫޓުގެ ތެރެއިން ދަތުރުކުރަންޏާ ހިލޭ ދަތުރުކުރެވޭނީ. ޕްރައިވެޓް ހަޔާއަށް ހަމަ ފައިސާ ދައްކައިގެން ދަތުރުކުރަން ޖެހޭނީ،" މޭޔަރު ވިދާޅުވިއެވެ.

ބަގީ ދަތުރުތަކުގެ އަގު ނަގާނެ ތާރީޚެއް ކައުންސިލުން ފަހުން އިއުލާނުކުރާކަމަށް މޭޔަރު ވިދާޅުވިއެވެ.

ބަގީ ހިދުމަތާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ، މިއީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ފޯރުކޮށްދޭ ހިދުމަތެއް ކަމަށެވެ. އެގޮތުން ރައްޔިތުން އެދުނު ގޮތަށް މުދާ އުފުލާ ބަގީ އާއި އެމްބިއުލަންސް ބަގީގެ ޚިދުމަތް ވެސް ސިޓީ ކައުންސިލުން ފޯރުކޮށްދޭނެކަމަށް މޭޔަރު ވިދާޅުވިއެވެ.

"އެމްބިއުލަންސް ބަގީއަކީ ފްރީ އެއްޗެއް. ކޮންމެ ވަގުތަކު ވެސް އެ ޚިދުމަތް ލިބޭނެ،" މޭޔަރު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ ދެ ރުފިޔާއެވެ. އެހެން ނަމަވެސް ބަގީ "ޕްރައިވެޓް ހަޔާ"ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެއެވެ. އެގޮތުން ޕްރައިވެޓް ހަޔާގެ ގޮތުގައި ބަގީ ނަގާނަމަ އަގުތަކަކީ:

  • 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ
  • 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ
  • 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ

ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓާ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެއެވެ.

ވިލިމާލޭގެ އެތެރޭ ދަތުރުފަތުރުގެ ދަތިކަން ބޮޑުވެފައި އޮތުމުން، ސިޓީ ކައުންސިލުން އެ ޚިދުމަތް ދޭން ނިންމީ މިދިޔަ އޮގަސްޓު މަހެވެ. ސިޓީ ކައުންސިލުން އެ ހިދުމަތް ދޭގޮތަށް ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ.

comment ކޮމެންޓް